މަގު ކޮނުމުގެ ފީ ބޮޑު ވިޔަސް އާންމުން އަތަކުން ނުނަގާނެ

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ނާއިލް ހުސައިން

މާލޭ ސިޓީގެ މަގުތައް ކޮނުމުގެ ފީ ބޮޑު ކުރަން ސިޓީ ކައުންސިލުން އެކުލަވައިލާފައިވާ އުސޫލުގެ ސަބަބުން އެއްވެސް ރައްޔިތަކަށް ދަތި ނުވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ މަގުމަތީގެ މަގު ބަންދުނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތުކުރުމާ ބެހޭ އުސޫލަކީ ގަވާއިދާ ޚިލާފަށް ހަދާފައިވާ އުސޫލެއް ކަމަށާއި އެ ކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް ތުހުމަތުކޮށް، ސްޓެލްކޯއިން ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފައެވެ.

އެއީ އަމަލު ކުރެވޭނެ އުސޫލެއް ނޫން ކަމަށް ބުނެ، އެ ކުންފުނިން ވަނީ އެ އުސޫލާ މެދު ޝަރީއަތުން ގޮތެއް ނިމެންދެން އެ އުސޫލަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ވެސް އެދިފައެވެ.

އެ ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ އެ އުސޫލު ހަދާފައި އޮންނާނީ އެއްވެސް ރައްޔިތަކަށް ދަތި ނުވާނެ ގޮތަށް ކަމަށެވެ. އެކަމަކު، އެއީ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ގޮތުން ހަދާފައިވާ އުސޫލެއް ކަމަށް ސްޓެލްކޯއިން ބުނާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ އުސޫލާ ގުޅިގެން ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާތައް ކައުންސިލަށް ލިބިފައިވާ ކަމަށެވެ. އެހެންވެ، ދެ ފަހަރެއްގެ މަތިން މަޝްވަރާ ކޮށްގެން އެ އަގުތައް ކުޑަ ވެސް ކޮށްފައިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

https://sun.mv/173560

"އަމުދުން، އާންމު މީހުންގެ ގޭގެއަކަށް ކޭބަލް ވަޅުލުމާ ކަންކަމަކު އަގެއް ނުވެސް ނަގާނެ. އެއީ، ހަމަ އެކަނި ވިޔަފާރިތަކަށް އަދި އެކި ކަހަލަ މީހުން ދިރިއުޅޭ ތަންތަން ނޫން ތަންތަނަށް، ކޮމާޝަލް ބޭނުންތަކަށް މަގު ކޮންނަ އިރުގައި އެކަނި އަޅުގަނޑުމެން ނަގަނީ ވެސް. އާންމު ބޭފުޅުންގެ ގޭގެއަށް ކަރަންޓު ލުމަކަށް [ނުނަގާނެ]،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސްޓެލްކޯގެ ކަންބޮޑުވުންތަކާ ގުޅިގެން އެ ކުންފުންޏާ ބައްދަލުކޮށް އެ ކަން ސާފުކޮށްދީފައިވާނެ ކަމަށާއި އެ ކަމާ ގުޅިގެން ސިޓީއެއް ވެސް އެ ކުންފުންޏަށް ފޮނުވާފައިވާނެ ކަމަށެވެ.

"އެ ބޭފުޅުން ވިދާޅުވި މިހާރު މައްސަލަ ސާފުވެއްޖޭ. ދެން ތިމަންނަމެންނެއް ކޯޓަކުންނެއް މައްސަލަ ކުރިއަކަށް ނުގެންދާނަމޭ. ދެން އަޅުގަނޑުމެންނަކަށް ނޭނގެ ފަހުން ހެއްދެވި ގޮތެއް. އަޅުގަނޑުމެންގެ ނިޔަތެއް ނެތް އެއްވެސް ފަރާތަކަށް ޖެއްސުން ކުރުމުގެ. ރައްޔިތުންނަކަށް ވެސް، ކުންފުންޏަކަށް ވެސް. އަޅުގަނޑުމެން ބޭނުންވަނީ ހަމަ އެންމެންނާ އެކީގައި މަސައްކަތް ކުރަން." އޭނާ ވިދާޅުވިއެވެ.

އެކަމަކު، އެ ކަމާ ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ކުރިއަށް ނުގެންދަން އެ ކުންފުނިން ނިންމާފައިނުވާ ކަމަށެވެ.

ސިޓީ ކައުންސިލުން އެކުލަވައިލި މަގު ކޮނުމުގެ އާ އުސޫލަކީ ބާތިލު އުސޫލެއް ކަމަށް ތުހުމަތު ކުރައްވައި ސްޓެލްކޯއިން ހުށަހެޅި މައްސަލަ، މިދިޔަ މަހުގެ ފަހު ކޮޅު ހައިކޯޓުން ވަނީ ބަލައިގެންފައެވެ.

comment ކޮމެންޓް