މަގު ކޮނުމުގެ ފީ ބޮޑު ކުރުމުން ސްޓެލްކޯއިން ކޯޓަށް ދަނީ

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

މާލޭ ސިޓީ ކައުންސިލުން ހެދި މާލޭ ސިޓީގެ މަގުމަތީގެ މަގު ބަންދުނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތުކުރުމާ ބެހޭ އުސޫލަކީ ބާތިލް އުސޫލެއް ކަމަށާއި، އެ އުސޫލު ބަދަލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

މިއަދު ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ލާމާރުކަޒީ ގާނުނުގެ ދަށުން ކައުންސިލްތަކުން ނެރޭ މިފަދަ ގަވާއިދުތަކާއި އުސޫލުތަކަކީ ލޯކަލް ގަވާމަންޓް އޮތޯރިޓީ އާ މަޝްވަރާކޮށްގެން ނޫނީ އާންމު ނުކުރެވޭ އެއްޗަކަށްވީއިރު، އެފަދަ މަޝްވަރާތަކެއް ވެސް ސިޓީ ކައުންސިލުން ކޮށްފައިނުވާ ކަމަށެވެ. އެހެން ކަމުން އެއީ ގާނުނާ ޙިލާފު އުސޫލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ގާނޫނާ ޚިލާފު އުސޫލު ނަގަން އަޅުގަނޑުމެން ކޯޓަށް ދާނަން. މި އުސޫލަކީ ޢަމަލުކުރެވޭނެ އުސޫލެއް ނޫން. މިއީ ގާނުނާ ޙިލާފު، ބާތިލް އުސޫލެއް،" އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން އާންމު ކުރި އުސޫލުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރައްޔިތުންގެ ޖީބަށް ކަމަށެވެ. އެއީ މަގުމަތީގައި ކުރާ މަސައްކަތްތަކަށް ނަގާ އަގު ބޮޑުވުމުންނެވެ.

އޭގެ މިސާލެއްގެ ގޮތުގައި ޝަރީފު ފާހަގަ ކުރެއްވީ ހ. މިސޫރީ ގޭގެ އެންމެ ތިރީ ފަންގިފިލާގެ މަގު ކޮނުމަށް ކުރިން ނަގާ ރޭޓުތަކަށާއި މިހާރު ނަގާ ރޭޓުތަކަށެވެ.

ކުރިން އެތަނުގެ މަގު ކޮނުމުގެ ޖުމްލަ އަގެއްގެ ގޮތުގައި 31،741 ރުފިޔާ ހޭދަވާއިރު، މިހާރު ހޭދަވާނީ 80،510.68 ރުފިޔާއެވެ. މިއީ ކުރިއާ އަޅާ ބަލާއިރު 154 އިންސައްތައިގެ ބޮޑު ވުމެކެވެ.

"އަޅުގަނޑު ޕާސަނަލީ އެހިން އެލްޖީއޭގައި. އެފަދަ މަޝްވަރާއެއް އެފަރާތާއެކީ ސިޓީ ކައުންސިލުން ކޮށްފައެއް ނުވޭ. އެހެން ވީމާ މިއީ ގާނުނާ ޚިލާފު އުސޫލެއް،" އޭނާ ވިދާޅުވިއެވެ.

އެ އުސޫލަކީ ދުނިޔޭގެ ކަންކޮޅުތަކުގައި މިފަދަ އުސޫލުތައް އެކުލަވާލުމުގައި ގެންގުޅޭ ބެސްޓް ޕްރެކްޓިސްއާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"މިފަދަ އުސޫލުތައް ކަނޑައަޅާއިރު އާންމުންނަށް އެއަށް ޢަމަލުކުރަން ފަށަން ދުވަސްކޮޅެއް އެބަދޭ. ގްރޭސް ޕީރިއަޑެއް ނިމުނީމަ ދެން އަމަލު ކުރަން ފަށަނީ. އެފަދަ އެއްވެސް ކަމެއް ވެސް މިކަމުގައި ކޮށްފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.

އެ އުސޫލުގައި ވާގޮތުން އެ އުސޫލަށް އަމަލުކުރަން ފެށެނީ މި އަހަރު ފެށުމާއެކުއެވެ. ނަމަވެސް އުސޫލު ގެޒެޓްކޮށްފައި ވަނީ ނިމިދިޔަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި، މި އުސޫލާ ގުޅިގެން މާލޭގެ މަގުތައް ކޮންނަ އެކި ފަރާތްތަކާ މަޝްވަރާކޮށް ދެކެވުނު ވާހަކަތަކުން، ސިޓީ ކައުންސިލުން އެ ފަރާތްތަކާއެކު އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާކަން އެނގިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް