ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާ ސީރިއަސްވެ، ނޭމާއަށް ސީޒަން ނިމިއްޖެ

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ. އޭނާއަށް ވަނީ ސީޒަން ނިމިފައި--- ފޮޓޯ/ އޭއެފްޕީ

ކަނާތު ފައިގެ ކުޑަހުޅަށް ލިބިފައިވާ ސީރިއަސް އަނިޔާގެ ސަބަބުން ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާއަށް މިފަހަރުގެ ފުޓްބޯޅަ ސީޒަން ނިމިއްޖެއެވެ.

މިކަމާ ގުޅޭގޮތުން ނޭމާ ކުޅެމުން އަންނަ ފްރާންސްގެ ޕީއެސްޖީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ނޭމާގެ ކަނާއަތު ފައިގެ ކުޑަހުޅަށް ލިބިފައިވާ ސީރިއަސް އަނިޔާގެ ސަބަބުން ކުޑަހުޅުގެ އޮޕަރޭޝަނެއް ވަރަށް އަވަހަށް ކުރަންޖެހޭތީވެ، ކުރިއަށްއޮތް ހަތަރު ވަރަކަށް މަސްދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނޭ ކަމަށެވެ.

ޕީއެސްޖީން ބުނީ، ވަރަށް އަވަހަށް ނޭމާ ފައިގެ ކުޑަހުޅުގެ އޮޕަރޭޝަން ދޯހާގައި ކުރާނޭކަމަށާއި، އޭގެ މާނައަކީ، ޔުއެފާ ޗެމްޕިއަންސްލީގްގައި ކުރިއަށްއޮތް ބުދަދުވަހުގެ ރޭ ޕީއެސްޖީން ބަޔާން މިއުނިކާ ދެކޮޅަށް ނިކުންނަ މެޗުގައި އޭނާ ނުފެންނާނޭކަމަށެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި ނޭމާ ކަނާތު ފައިގެ ކުޑަހުޅަށް އެކިފަހަރުމަތިން ވަނީ އަނިޔާގެ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައި. މިހާލަތުގައި އޮޕަރޭޝަނަށް ނުގޮސް އިތުރަށް ކުޅެފިނަމަ ނޭމާއަށް އޮތް ރިސްކްބޮޑު. އެހެންވެ ކްލަބުން ނިންމީ އޮޕަރޭޝަނުގެ ކަންތައް ވީހާވެސް އަވަހަކަށް ކުރިއަށްގެންދަން،" ޕީއެސްޖީ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެންމެފަހުން ނޭމާ ފެނިފައިވަނީ ލީގް ވަންގައި ފެބުރުއަރީމަހު ލިލް އާ ދެކޮޅަށް ކުޅުނު މެޗްގައެވެ. އެމެޗްގައި ނޭމާ ގޯލެއް ޖެހި ނަމަވެސް، ދެވަނަ ހާފް ފެށީތަނާ ކަހަލަ ގޮތަކަށް ވަނީ އަނިޔާވެގެން އަށިގަނޑުގައި ދަނޑުން ބާލާފައެވެ.

ނިމިގެންދިޔަ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ނޭމާގެ ކަނާތު ފައިގެ ކުޑަހުޅަށް އަނިޔާވެ ދަނޑުން ބޭލިއެވެ. ވޯލްޑްކަޕް ގްރޫޕް ސްޓޭޖް މެޗްތައް ނޭމާއަށް ވަނީ ގެއްލިފައެވެ.

ނޭމާގެ ކަނާތު ފައިގެ ކުޑަހުޅަށް އަނިޔާވެ މި ސީޒަނުގައި ނުކުޅެވޭނޭކަން ޔަގީންވެފައިވާއިރު، މި ސީޒަނުގައި ޕީއެސްޖީއަށް ކުޅެދިން މެޗްތަކުގައި މިހާތަނަށް ނޭމާ ވަނީ 13 ގޯލް ޖަހާފައެވެ.

comment ކޮމެންޓް