ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯނު ބުރުގައި އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުށި ބަލިކުރުމަށްފަހު ދ. ކުޑަހުވަދޫން ޒޯނު ފަހެއްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު އެ ޒޯނުގެ ފައިނަލް މެޗުގައި ތިމަރަފުއްޓާ ވާދަކޮށް ކުޑަހުވަދޫން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ކުޑަހުވަދޫގެ ދެ ގޯލު ޖެހީ ހާރޫން އިބްރާހީމެވެ. އަދި މެޗުގައި ތިމަރަފުށިން ޖެހި ހަމައެކަނި ގޯލު ޖެހާފައިވަނީ އިބްރާހީމް ހަމްދާނެވެ.
އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޑަހުވަދޫގެ ހާރޫން އިބްރާހީމެވެ. އަދި އެ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކުޑަހުވަދޫގެ ޖުމައިލް ޖަމީލެވެ. އަދި އެ ޒޯނުގެ ޓޮޕް ސްކޯރާއަކީ އިބްރާހީމް ހަމްދާނެވެ.
އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ފަހެއްގައި ހިމެނެނީ ދ. އަތޮޅުގެ ޗެމްޕިއަން ކުޑަހުވަދޫއާއި ފ. އަތޮޅުގެ ޗެމްޕިއަން މަގޫދޫގެ އިތުރުން ތ. އަތޮޅުގެ ޗެމްޕިއަން ކިނބިދޫއާއި އެ އަތޮޅުގެ ރަނަރަޕް ތިމަރަފުއްޓެވެ.
މި މުބާރާތުގެ ޒޯނު ފައިނަލްގައި ކުޅޭ ޓީމުތަކަށް މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބޭނެއެވެ. އެހެންކަމުން އެ ޒޯނުގެ ރަނަރަޕް ޓީމުގެ ގޮތުގައި ތިމަރަފުށި ގަދަ 16 އަށް ދަތުރުކުރިއިރު ކުޑަހުވަދޫން ވަނީ ޗެމްޕިއަން ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރުކޮށްފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.