މައިކްރޮސޮފްޓްއިން މެކް ބޭނުންކުރާ މީހުން ހައިރާންކޮށްލައިފި

މައިކްރޮސޮފްޓްއިން ވަނީ "އައުޓްލުކް ފޯ މެކް" އެޕް ހިލޭ ބޭނުންކުރެވޭނެ ގޮތް ހަދައިފަ -- ފޮޓޯ/ މައިކްރޮސޮފްޓް

މައިކްރޮސޮފްޓްއިން "އައުޓްލުކް ފޯ މެކް" އެޕް ހިލޭ ބޭނުންކުރެވޭނެ ގޮތް ހަދައި، މެކް ބޭނުންކުރާ މީހުން ހައިރާންކޮށްލައިފިއެވެ.

މި ފިޔަވަޅުގެ މާނައަކީ އައުޓްލުކްއަށް ވަނުމަށް މައިކްރޮސޮފްޓް 365 ސަބްސްކްރިޕްޝަން ނުވަތަ އޮފީސް ލައިސަންސެއް ދެން ބޭނުން ނުވާނެ ކަމެވެ.

މެކް އޯއެސް އަށް ޚާއްޞަކޮށްފައިވާ އައުޓްލުކް ފޯ މެކްއިން އައުޓްލުކް ޑޮޓް ކޮމް އެކައުންޓުތަކާއި ޖީމެއިލް، ޔާހޫ، އައިކްލައުޑް އަދި އައިއެމްއޭޕީ ސަޕޯޓް ލިބޭ ހުރިހާ އީމެއިލް ޕްރޮވައިޑަރުންނަށް ސަޕޯޓް ދޭނެއެވެ. އެޕަލްގެ އެންމެ ފަހުގެ މެކްއޯއެސް ޑިޒައިން ބަދަލުތަކާ ގުޅޭ ގޮތަށް އައުޓްލުކް ފޯ މެކްގެ ޔޫޒާ އިންޓަފޭސް ވަނީ ޑިޒައިންކޮށްފައެވެ.

މައިކްރޮސޮފްޓުން ހާމަކޮށްފައިވާ ގޮތުގައި އައުޓްލުކް ފޯ މެކްގައި ވަރަށް އަވަހަށް 'މެނޫ ބާ ޕީކް' އޮޕްޝަން އެއް ހިމަނާނެއެވެ. އެ އޮޕްޝަންގެ ސަބަބުން، އައުޓްލުކް ފޯ މެކްގެ ތެރެއިން އެމީހެއްގެ ކެލެންޑަރު އެންޓްރީތައް ބަލާލެވޭނެއެވެ.

މައިކްރޮސޮފްޓްއިން މިހާރު ދަނީ އައުޓްލުކް ފޯ ވިންޑޯޒް އެޕްއަށް ބަދަލުތައް ގެނެސް، ވިންޑޯޒް މެއިލް އެޕް އާއި އައުޓްލުކް ފޯ ވިންޑޯޒް އެއްކޮށްލައިގެން "ވަން އައުޓްލުކް"ގެ ނަމުގައި އީމެއިލް ކްލައިންޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އާ ކްލައިންޓަކީ ޕްރޮގްރެސިވް ވެބް އެޕް (ޕީޑަބްލިޔުއޭ) އަކަށް ވާނެ ކަމަށާއި، އެ އެޕް ހިލޭ ބޭނުން ކުރެވި، ގިނަ އަދަދެއްގެ އީމެއިލް ޕްރޮވައިޑަރުންނަށް ސަޕޯޓް ލިބޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އައުޓްލުކް ފޯ މެކްގެ ޕްރޮޑަކްޓް މެނޭޖަރު ޖެރެމީ ޕާޑޫ ވިދާޅުވި ގޮތުގައި އައުޓްލުކް މެކްއަށް އިތުރު އެތައް ފީޗާތަކެއް ގެނައުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. އަދި އައުޓްލުކް ފޯ މެކް އަލުން ޑިޒައިން ކުރަނީ އެ އެޕަށް އިތުބާރު ކުރެވޭނެ ގޮތަކަށް، އެންމެންނަށް ވެސް ކަމުދާ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މައިކްރޮސޮފްޓް އައުޓްލުކަކީ 1997 ވަނަ އަހަރުގެ ޖެނުއަރީ މަހު އެންމެ ފުރަތަމަ ތައާރަފްކުރި މަޝްހޫރު އީމެއިލް އަދި ޕާސަނަލް އިންފޮމޭޝަން މެނޭޖްމަންޓް ސޮފްޓްވެއާއެއް ނަމަވެސް އޭގެ އަސްލަކީ 1990ގެ އަހަރުތަކުގެ ކުރީކޮޅު މައިކްރޮސޮފްޓް އޮފީސް ސުއިޓްގެ ބައެއް ކަމަށްވާ "ޝެޑިއުލް+" ކިޔާ ކުރީގެ ސޮފްޓްވެއާއެކެވެ.

ޝެޑިއުލް+ އަކީ ޝެޑިއުލިން އަދި ޓައިމް މެނޭޖްމަންޓް އެޕްލިކޭޝަނެއް ކަމުން ޔޫޒަރުންނަށް އެމީހުންގެ ކެލެންޑަރާއި ކޮންޓެކްޓްތަކާއި ޓާސްކްތަކާއި ނޯޓްތައް އެއްތަނެއްގައި މެނޭޖްކުރެވޭނެއެވެ. އޭރުވެސް ވިޔަފާރީގެ މުވާސަލާތުތައް މުހިންމުކަމުން އީމެއިލް ކްލައިންޓެއްގެ ބޭނުން ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.

މިކަމަށް ހައްލެއް ހޯދުމަށް މައިކްރޮސޮފްޓުން 1996 ވަނަ އަހަރު އެކްސްޗޭންޖް ސާވާ ސޮފްޓްވެއާގެ ބައެއްގެ ގޮތުގައި މައިކްރޮސޮފްޓް އެކްސްޗޭންޖް ކްލައިންޓް ކިޔާ އީމެއިލް ކްލައިންޓެއް ތައާރަފުކުރިއެވެ. އަދި އެ އެކްސްޗޭންޖް ކްލައިންޓަކީ ވިންޑޯޒް އަށް ބިނާކޮށް އުފައްދާފައިވާ އީމެއިލް ކްލައިންޓެއް ކަމުން ސާވާ ސައިޑްއެއް ކަމަށްވާ މައިކްރޮސޮފްޓް އެކްސްޗޭންޖް ސާވާ ބޭނުންކޮށްގެން އީމެއިލް ފޮނުވުމާއި ލިބޭނެ ގޮތް އެ ސިސްޓަމް މެދުވެރިކޮށް ފުޅާވެގެން ދިޔައެވެ.

comment ކޮމެންޓް