ވެރިކަމަށް އައުމަށް 2018 ވަނަ އަހަރު އެމްޑީޕީގެ މެނިފެސްޓޯގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް އަދިވެސް ނުފުއްދާ ކަމަށް ބުނެ، އެވައުދުތައް ފުއްދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންގެ ފަރާތުން މަޖިލީހުގެ ތަޅުމަށް ދެ ގަރާރެއް ހުށަހަޅައިފިއެވެ.
މި ދެ ގަރާރު ހުށަހަޅާފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭގޮތުން އެމްޑީޕީން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ބުނެއެވެ. އެއީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިއާދަކޮށް ދަނޑުވެރި މީހާއަށް ދިނުމަށް ގޮވާލާ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރާއި، އެމްޑީޕީ ވެރިކަމެއް އޮވެމެ، އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތު ފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލައި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ހުށަހެޅުއްވި ގަރާރެވެ.
މި ދެ ގަރާރުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ.
މެމްބަރު ޝިޔާން ހުށަހެޅުއްވި ގަރާރުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ބަލާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނުގައި ރައީސް ޞާލިޙް ތޮއްޑުއަށް ވަޑައިގެން އެ ސަބްސިޑީ އަލުން ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް ސަރުކާރުގެ ފަސް ވަނަ އަހަރުގެ ފަހު މަސްތައް ގުނަމުން ދާއިރު، ދަނޑުވެރިންނަށް ލުޔެއް ނުލިބޭ ކަމަށެވެ. އަދި، ދަނޑުވެރިން އެތެރެކުރާ ތަކެތިން ޑިއުޑީ މާފްކުރިޔަސް، އެ ތަކެތި ވިއްކާ ފިހާރަތަކުން އަދިވެސް މުދާ ގަންނަން ލިބެނީ ޑިއުޓީ ކަނޑާލުމުގެ ކުރިން ލިބެން ހުރި އަގުގައި ކަމަށް ވާތީ ދަނޑުވެރިންނަށް އެކަމުގެ ފައިދާ ނުކުރާ ކަން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން މެމްބަރު ފިރުޝާން ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ މަސްވެރިކަމުގެ ސިޔާސަތު ތަންފީޒުކޮށްދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އިންތިހާބުވެވަޑައިގެންނެވި ފަހުން ރައީސުލްޖުމްހޫރިއްޔާ އާއި ފިޝަރީޒް މިނިސްޓަރުގެ ރާގު މުޅީން ތަފާތު ކަމަށެވެ. އަދި، މަސްވެރިކަން ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތެއް ސަރުކާރުން ނުކުރާތީ މަހަށް ފުރާ އުޅަނދުފަހަރާއި މަސްވެރިކަމުގައި ހަރަކާތްތެރިވާނެ ދިވެހީން މަދުވަމުން ދިއުމާއި އިގްތިސާދުގެ ލޭނާރު ކެނޑިދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ މީގެކުރިންވެސް ސަރުކާރުގެ ވައުދުތައް ފުއްދުމަށް ގޮވާލާ މަޖިލީހަށް ގަރާރު ހުށަހަޅާފައެވެ. އެގޮތުން ދަރަންޏާ ގުޅޭ ނިންމުންތައް ތަންފީޒް ކުރަން ގޮވާލައި ހުށަހަޅާފައިވާ ގަރާރާއި، ސަރުކާރު ކުންފުނިތައް ބަލަހައްޓަން ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ އިތުރުން އެމްޑީޕީގެ ސިޔާސަތުތަކަށް ރުޖޫއަވުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ގޮވާލައި ވެސް ނަޝީދުގެ ފެކްޝަނުން ގަރާރު ހުށަހަޅާފައިވެއެވެ.