ކުރިއަށް އޮތް ރަމަޟާން މަހު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުން އޮފީހަށް ނުކުމެ މަސައްކަތް ކުރާނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށް އެ އޮފީހުން ބުނެފިއެވެ.
ޕީޖީއޯއިން ބުނީ ހަފުތާގެ އާދިއްތަ ނުވަތަ ބުރާސްފަތި ދުވަހު މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ކަމަށާއި، ނަމަވެސް އެ ދުވަސްތަކުގައި ވެސް އޮފީސް ހުޅުވާނެ ކަމަށެވެ. އެ ދުވަސްތަކުގައި އޮފީހުގައި މަސައްކަތް ކުރާނީ ކަނޑައަޅާފައިވާ ޚާއްސަ މުވައްޒަފުންނެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ، އެ ދުވަސްތަކުގައި އޮފީހަށް ނުކުންނާނީ ކޮންމެހެން ނުކުންނަން ޖެހޭ މުވައްޒަފުން ކަމަށެވެ. މި ބަދަލު ގެނެސްފައިވަނީ ރަމަޟާން މަހު މުވައްޒަފުންނަށް ލުއި ދިނުމުގެ ގޮތުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
އޮފީހަށް ނިކުންނަ ދުވަސްތަކުގައި ގަޑި ޖެހޭ ނުވަތަ ސަލާމް ބުނާ މުވައްޒަފުންނަށް ޖެހިގެން އަންނަ ހަފުތާގައި ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށާއި، މަސައްކަތުގެ ފެންވަރު ދަށްވާ ޔުނިޓްތަކުގެ އެންމެން އޮފީހަށް ނިކުންނަން ޖެހޭނެ ކަމަށް ޕީޖީއޯއިން ބުނެއެވެ.
ރަމަޟާން މަހު މުވައްޒަފުންގެ ރަސްމީ ވަގުތު ކުރު ކުރި ނަމަވެސް، ރަމަޟާން މަހުގެ ވަކި ދުވަސްތަކެއްގައި ގޭގައި ތިބެގެން މަސައްކަތް ކުރަން ދައުލަތުގެ އިދާރާއަކުން ހަމަޖެއްސި މިއީ ފުރަތަމަ ފަހަރެވެ.