އެއާޕޯޓުގެ މަސައްކަތް ނިމޭއިރު، އައްޑޫގައި 6،000 އެނދު ގާއިމް ކުރެވޭނެ: ފައްޔާޒް

އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް--- ފޮޓޯ/ ރައީސް އޮފީސް

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމޭއިރު، ގެސްޓްހައުސްތަކާއި ހަންކެނޑެ ޕްރޮޖެކްޓް ހިމަނައިގެން، އައްޑޫ ސިޓީގައި 6،000 އެނދު ގާއިމް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއި ކުރުމަށް ހ. މީރުމާގެ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއާއެކު ދެކުނު އަތޮޅުތަކުގެ ތަރައްގީގެ މުޅިން އާ ޗެޕްޓާއެއް ހުޅުވޭނެ ކަމަށެވެ. އަދި އެ މަޝްރޫއާއެކު މުޅި ދެކުނަށް އިގްތިޞާދީ އަދި އިޖްތިމާއީ ކުރިއެރުން އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގާނޫނީ ގޮތުން ސިޓީއެއްގެ ލަގަބު މީގެ އެތައް އަހަރެއް ކުރިން އައްޑުއަށް ދީފައިވީ ނަމަވެސް ސިޓީގެ ދަރަޖައާއެކު އަންނަން ޖެހޭ އުމްރާނީ ތަރައްގީ އައްޑުއަށް ލިބިފައި ނުވާކަން ފައްޔާޒް ފާހަގަކުރެއްވިއެވެ. އެކަން ދެނެގަނެ ދެކުނުގެ އިގްތިޞާދީ މައި ހަބުގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީ ކުރުމަށް ވަށާ ޖެހޭ ޕްލޭނެއް އެކުލަވާލައި، މިއަދުގެ ސަރުކާރުން ދަނީ އެ ޕްލޭން ތަންފީޒު ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިގޮތުން އައްޑޫގެ މަގުތައް ހެދުމާއި، ފެން ހިންދާ ނިޒާމު ގާއިމް ކުރުމާއި، ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު އަދި ޓޫރިޒަމް ޒޯންތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ދަނީ ކުރިޔަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓާއެކު އެންމެ ފުރިހަމަ ގޮތެއްގައި ހުޅުވިގެންދާ ފުރުސަތަކީ ފަތުރުވެރިކަން ކަމަށް ވާއިރު، އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ އެނދުތައް، މާކެޓަށް ނެރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ހަންކެނޑެ ތަރައްގީކުރުމަށް ވާން ޖެހޭ ތައްޔާރީތަކާއި އައްޑޫގެ ވިލިނގިލީގައި ގާއިމް ކޮށްފައިވާ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ކުރިއަށް ދާ ބިން ހިއްކުމުގެ މަޝްރޫގެތެރެއިން ރިސޯޓުތަކެއް ތަރައްގީ ކުރުމަށް، މުޅިން އަލަށް ފަސް ރަށެއް ހިއްކަން ހަމަޖެހި، އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ގެސްޓްހައުސްގެ ވިޔަފާރި ތަރައްގީ ކުރުމަށް ބިން ލިބިފައިވަ ފަރާތްތަކަށް ފައިނޭންސް ހޯދުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި ހިނގާ މާޗު މަހު ނުވަތަ އޭޕްރީލް މަހުގެތެރޭގައި އެކަން މޮބިލައިޒް ކުރެވޭނެ. މިހާރު ހަންކެނޑޭގެ ފައިސާ ހޯދުމުގެ މަސައްކަތް ގާތްގަނޑަކަށް އެވަނީ ނިމިފައި. އަޅުގަނޑުމެންނަށް ގެސްޓްހައުސްތަކުގެ ވެރިންނާއެކު އަދި އެއްބަސްވުންތަކަށް ނާދެވޭތީ ލަސްތަކެއް ހުރީ،"

އެއާޕޯޓުގެ މަސައްކަތް ނިމޭއިރު، ގެސްޓްހައުސްތަކާއި ހަންކެނޑެ ޕްރޮޖެކްޓް ހިމަނައިގެން، އައްޑޫ ސިޓީގައި ގާތްގަނޑަކަށް 6،000 އެނދު ގާއިމް ކުރެވޭނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

އައްޑޫގެ ޓޫރިޒަމަކީ ތަފާތު ޓޫރިޒަމެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އާންމު އުސޫލެއްގެ ގޮތުން، ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް އެ ވިޔަފާރި ތަރައްގީ ކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެއީ ތަފާތު ޕްރޮޑަކްޓަކާ ދިމާއަށް އިންވެސްޓު ކުރުމަށް ވިޔަފާރިވެރިން ފަހަށް ޖެހޭތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެކަން އެހެން ދިމާވާ މައިގަނޑު ސަބަބަކީ އެކަމާ ގުޅުން ހުރި އިންފްރާސްޓްރަކްޗާ ޑިވެލޮޕް ކުރެވިފައި ނެތުން ކަމަށެވެ.

"އެއާޕޯޓް ތަރައްގީ ކޮށްފަ އޮތްނަމަ ޝަންގްރިއްލާ ބަންދު ކުރާކަށް ނުޖެހުނީސް. އެއާޕޯޓް ތަރައްގީ ކުރެވިފަ އޮތްނަމަ ހެރެތެރެ ބަންދުކުރާކަށް ނުޖެހުނީސް. އެހެންނަމަ އަޅުގަނޑުމެންނަށް ހަންކެނޑެ އެތައް ބަޔަކަށް، އެތައް ފަހަރަކު ކުއްޔަށްދީ، ޓާމިނޭޓް ކުރާކަށް ނުޖެހުނީސް. ގެސްޓްހައުސް އޭގެ ޒާތުގައި ކުރިޔަށް ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީފެންވަރަށް ތަރައްގީ ކުރުމާއެކު ޓޫރިޒަމްގެ އިތުރުން އެހެން ސިނާއަތްތަކަށް ވެސް ފައިދާ ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެ އެއާޕޯޓާއެކު މަސްވެރިކަމުގެ ސިނާއަތަށް ފައިދާ ވާނެ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އޭގެ ސަބަބުން ކަންނެލި އެކްސްޕޯޓުކުރަން ފަސޭހަވާނެ ކަމަށެވެ.

މިއަދު ސޮއި ކުރި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރެނާޓަސް ކުންފުނީގެ ޗެއާމަން ސިލްވަސުންދަރަމް ޕޫސަޕާންއެވެ.

https://sun.mv/174761

އެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކޮށްފައިވާ 17 މިލިއަން ޑޮލަރު (272.2 މިލިއަން ރުފިޔާ)ގެ ލޯނު އެހީ ބޭނުންކޮށްގެންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރާނެ ކަމަށެވެ. އޭގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައް ވެސް އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެ އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް