އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި އިންޑިޔާގެ ރެނާޓަސް ކުންފުންޏާއެކު މިއަދު ސޮއި ކޮށްފިއެވެ.
ހ. މީރުމާގެ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރެނާޓަސް ކުންފުނީގެ ޗެއާމަން ސިލްވަސުންދަރަމް ޕޫސަޕާންއެވެ.
އެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކޮށްފައިވާ 17 މިލިއަން ޑޮލަރު (272.2 މިލިއަން ރުފިޔާ)ގެ ލޯނު އެހީ ބޭނުންކޮށްގެންނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރާނެ ކަމަށެވެ.
އޭގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައް ވެސް އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެ އެ މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއާއެކު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްގީ ކުރާނެ ކަމަށެވެ. އަދި އާ ކޮންޓްރޯލް ޓަވަރަކާއި، ފަޔާ ސްޓޭޝަނެއް ވެސް އެ މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން އެއާޕޯޓުގެ މަގުތަކާއި އެއާޕޯޓްގެ ޕާކިން ސަރަހައްދުތައް ވެސް އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުން ބުނީ އެ މަޝްރޫއަކީ ދެކުނުގެ އަތޮޅުތަކަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި އެއީ މުޅި ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭނެ އުއްމީދީ މަޝްރޫއެއް ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
ދެކުނުގެ ސަރަޙައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީ ކުރުމުގައި ގަން އިންޓަނޭޝަލް އެއާޕޯޓް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަމާއި ފާގަތިކަން އިތުރުކުރުމަށް މަގުފަހިވެގެން ދާނެ ކަން ސަރުކާރުން ފާހަގަކުރެއެވެ.
އައްޑޫ ސިޓީގައި އިގުތިސާދީ ހަބެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.