މާލޭގެ އެކި ހިސާބުތަކުގެ ފާރުތަކުގައި ކުރަހާފައި ހުންނަ ގްރެފިޓީތަކާއި ބޭއަދަބީ ލިޔުންތައް ފޮހެ ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުންނާއި ފުލުހުން ގުޅިގެން އަލުން ފަށައިފިއެވެ.
ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުން ކައުންސިލްގެ މުވައްޒަފުން އަންނަނީ ކުރެހުންތަކުގެ މަތީގައި ކުލަލުމުގެ މަސައްކަތް ކުރަމުންނެވެ.
އެ މަސައްކަތް ކުރާ ވަގުތު ފުލުހުން ވެސް އެ ސަރަހައްދު ތަކުގައި ހަރަކާތްތެރިވަމުން ދެއެވެ.

ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މާލޭގެ އެކި ތަންތަނުގައި ހުރި ގްރެފިޓީތައް ފޮހެނީ -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
މި މަސައްކަތާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް ވިދާޅުވީ އެއީ އަބަދުވެސް ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އެފަދަ ތަނެއް ފާހަގަވާނަމަ ފުލުހުންގެ ނެއިބާހުޑް ޕޮލިހަށް އެންގުމުން، ފުލުހުން ކައުންސިލުގެ ސަމާލުކަމަށް އެ ތަނެއް ގެނެސް އެ ފިލުވުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް ވެސް ރަމީޒް ވިދާޅުވިއެވެ.
މާލޭގެ ހަނި ގޯޅިތަކުގައާއި ގޭންގުތައް އެއްވެ އުޅޭ ހިސާބުތަކުގައި ގްރެފިޓީ ކުރަހައިފައި ހުރެއެެވެ. ހަމައެއާއެކު އެކިއެކި ކުރެހުންތައް ވެސް ކުރަހައިފައި ހުރެއެވެ. ބައެއް ފަހަރު ބޭއަދަބީ ބަސްބަސް ހިމެނޭ ޝިއާރުތައް ވެސް ލިޔެފައި ހުރެެއެވެ.
ފުލުހުންނާއި ސިޓީ ކައުންސިލް ގުޅިގެން އަލުން މި މަސައްކަތް ފަށާފައިވަނީ މާލޭގައި ގޭންގު މާރާމާރީތައް އިތުރުވެފައިވާ ދުވަސްވަރެއްގައެވެ.