ޗިޓް ރައްދު ނުކުރެވުމުން އައްބާސް އާދިލް ރިޒާގެ ޝަރީއަތް ނުފެށުނު

އައްބާސް އާދިލް ރިޒާ: އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން މިއަދު ވަނީ ބޭއްވޭ ގޮތް ނުވެފަ ---

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓް އައްބާސް އާދިލް ރިޒާއަށް ޗިޓް ރައްދުކުރެވިފައި ނުވާތީ ޝަރީއަތް ފެށުމަށް ހުރަސް އެޅިއްޖެއެވެ.

އައްބާސް އާދިލް ރިޒާގެ މައްޗަށް އުފުލާފައިވަނީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ.

ކްރިމިނަލް ކޯޓުގެ ޝެޑިއުލްގައި އެ މައްސަލަ އޮތް ނަމަވެސް އެ ކޯޓަށް މިއަދު އައްބާސް ހާޒިރުވެފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ބުނީ, މިއަދަށް ތާވަލްކޮށްފައިވާ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ. އެއީ އައްބާސް އާދިލް ރިޒާއަށް މައްސަލައިގެ ޗިޓް ރައްދުކޮށްދެވިފައި ނުވާތީ ކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އައްބާސްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖެހުމަށް ގޮވާލާފައި ވާތީއާއި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދީފައިވާތީ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ފުލުހުން އައްބާސްގެ މައްސަލަ ބަލަން ފެށީ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ހިންގި ހަމަނުޖެހުމުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ވިދާޅުވެ އެކަމުގެ ބަދަލު ހިފުމަށް ގޮވާލައި އޭނާ ޓްވީޓު ކުރެއްވުމުންނެވެ.

އެ ޓްވީޓުގައި އޭނާ ވިދާޅުވީ އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށާއި، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގައި ހުޅުޖަހައި އެކަމުގެ ބަދަލު ހިފަން ފަށަން ޖެހޭ ކަމަށެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނި ގޮތުގައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް "ކްލަބް ހައުސް" ގައި އައްބާސް ވާހަކަ ދައްކާފައިވެއެވެ.

އައްބާސްއަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ކަސްޓަމްސްގެ ކޮމިޝަނަރުކަމާއި ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ޓްރޭޑް ރެޕްރަޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައެވެ.

comment ކޮމެންޓް