އެމްއޭސީއެލްއިން މިސާލު ނަގައި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މާރިޔާ ގޮވާލައްވައިފި

އެމްއޭސީއެލްގެ ބިނާރު ކެމްޕެއިން މާރިޔާ ލޯންޗް ކޮށްދެއްވަނީ ---- ފޮޓޯ: އެމްއޭސީއެލް

މޯލްޑިވިސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) މިސާލަކަށް ބަލައިގެން މުވައްޒަފުންގެ ރައްކާތެރިކަމަށް އިސްކަންދީގެން މަސައްކަތް ކުރުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެދިވަޑައިގަންނަވައިފިއެވެ.

މާރިޔާ އެހެން ވިދާޅުވެފައިވަނީ އެމްއޭސީއެލްއިން ރޭ ފެއްޓެވި 'ބިނާރު' ކެމްޕެއިން ލޯންޗްކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ.

ސޭފްޓީ އާއި ސެކިއުރިޓީ، އަދި ސިއްޙަތަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކާއި، ހެލްތް ސްކްރީނިން ފަދަ ޙަރަކާތްތައް ހިމެނޭ އެ ކެމްޕެއިން ފައްޓަވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ, މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި، މި ސަރުކާރުގެ ވިސްނުމަކީ، މިނިމަން ވޭޖެއް ކަނޑައަޅާ އެހިސާބުން ނިންމާލުމެއް ނޫން ކަމަށެވެ. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭހެން، ހުރިހާ މާނައެއްގައިވެސް މުވައްޒަފުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ރައްކާތެރި، އަމާން އަދި ސަލާމަތްތެރި މަސައްކަތުގެ ވެށްޓެއް ޤާއިމް ކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އެ އަމާޒާއެއްގޮތަށް، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އަދި ސެކިއުރިޓީއަށް ސަމާލުކަން ދީގެން ޚާއްޞަ އަދި އެހާ ފުޅާ ކެމްޕޭނެއް ފަށާ ފުރަތަމަ އެސްއޯއީ އަކީ އެމްއޭސީއެލް ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އެހެން އެޖެންސީތަކާއި އެސްއޯއީ ތަކުންވެސް މިޙަރަކާތުން މިސާލު ނަންގަވާ ސެކިއުރިޓީ އާއި މުވައްޒަފުންގެ ސިއްޙަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަޤާފަތެއް އަށަގެންނެވުމަށް އިތުރަށް މަސައްކަތް ކުރެއްވުމަށް އަޅުގަނޑު އެދެން," މާރިޔާ ވިދާޅުވިއެވެ.

ބިނާރުގައި ހިމެނޭ މައިގަނޑު ކަންކަމަކީ ސޭފްޓީ އާއި ސެކިއުރިޓީ، އަދި ސިއްޙަތާގުޅޭ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކާއި، ހެލްތް ސްކްރީނިން ފަދަ ޙަރަކާތްތަކެވެ.

ޕްރޮގްރާމްގެ މަޤްޞަދުތަކުގެ ތެރޭގައި، އެއާޕޯޓްގެ ހުރިހާ ދާއިރާއެއް ހިމެނޭހެން ސޭފްޓީ އަދި ސެކިއުރިޓީ ކަލްޗާއެއް ބިނާކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުމާއި، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އާއި ސެކިއުރިޓީގެ މައްސަލަތައް ފަސޭހައިން ރިޕޯޓްކުރުވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، އެ މައްސަލަތަކަށް އަވަހަށް ފަސޭހައިން އެޑްރެސްކުރެވޭނެ ގޮތްތައް ތަޢާރަފް ކުރުން ވެސް ހިމެނޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"މިކަމުގައި އެމްއޭސީއެލްގެ އިތުރުން އެއާޕޯޓްގައި މަސައްކަތްކުރާ ތަފާތު އިދާރާތަކުގެ މަޝްވަރާ އާއި ބައިވެރިވުން އިތުރުކުރުމަށް ރާވާފައިވާކަމީ މި ޙަރަކާތް ފުރިހަމަވާ އެންމެ މުހިންމު އެއް ސަބަބު," މާރިޔާ ވިދާޅުވިއެވެ.

ސޭފްޓީ އާއި ސެކިއުރިޓީގެ މަސައްކަތަކީ އެމްއޭސީއެލްއަށް އާ މަސައްކަތެއްނޫންކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ, އެމްއޭސީއެލްގެ މިޝަންއަށް ބަލާއިރު، އެންމެ ފުރަތަމަ އޮތީ "ޤައުމީ ތަރައްޤީއަށް ޙިއްސާވުން" ކަމަށެވެ. އެއަށްފަހު ދެން އޮތީ "ސޭފްޓީ އަދި ސެކިއުރިޓީގެ އެންމެ މަތީ މިންގަނޑުތައް ތަންފީޒުކުރުން" ކަމަށާއި ކުންފުނީގެ ކޯރވެލިއުސްގެ ތެރޭގައިވެސް ދެވަނައަށް ފާހަގަ ކުރައްވާފައި ވަނީ "ސޭފްޓީ އެންޑް ސެކިއުރިޓީ" ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"އެހެންވީމާ، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އާއި ސެކިއުރިޓީގެ މަސައްކަތަކީ ކުންފުނީގެ ޠަބީޢީ މަސައްކަތެއް. މިހާރު މިފަށާ މަސައްކަތުގެ ބޭނުމަކީ ރަގަޅު ކުރަންޖެހިފަ ހުރިކަންކަން ރަގަޅުކޮށް މުވައްޒަފުންނަށް ފޯކަސްކޮށްގެން ޚާއްޞަ މަސައްކަތްތަކެއް ކުރުން," މާރިޔާ ވިދާޅުވިއެވެ.

އެހެންކަމުން، ބިނާރު ޙަރަކާތުގެ ތެރެއިން އެއާޕޯޓުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދެވި، އެއީ ވަށާޖެހޭ މަސައްކަތަކަށް ވެގެންދާނެކަމަށް މާރިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް