ކޯލިޝަނާ އެކު އުފައްދާނީ ރައްޔިތުން ފުދުންތެރި ކުރުވާނެ ސަރުކާރެއް: ސިޔާމް

އެމްޑީއޭގެ ގައުމީ މަޖިލީހުގެ 2022 ވަނަ އަހަރުގެ ހަތަރުވަނަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) ހިމެނޭ ކޯލިޝަނުން މި އަހަރު އުފައްދާނީ ރައްޔިތުން ފުދުންތެރި ކުރުވާނެ ސަރުކާރެއް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރޭ ކުރެއްވި ޓުވީޓެއްގައި ސިޔާމް ވިދާޅުވީ މި އަހަރު އުފައްދާ އެމްޑީއޭ ހިމެނޭ ކޯލިޝަން ސަރުކާރު ވެގެންދާނީ ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދޭނެ ސަރުކާރަކަށް ކަމަށެވެ. އެއަށް ފަހު އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ކެމްޕޭން ހޭޝްޓެގް (އިބޫ2023) ބޭނުން ކުރައްވައިފައެވެ.

"އެމްޑީއޭ ހިމެނޭ ކޯލިޝަން ސަރުކާރު ވެގެންދާނީ ދިވެހި ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދޭނެ ސަރުކާރަކަށް." އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ފަހުގައި ރައީސް ޞާލިހް ގެންދަވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އެ ޕާޓީއާ އެކު ކޯލިޝަން ހަދަން އެންމެ ފުރަތަމަ ނިންމާފައިވަނީ އެމްޑީއޭއިންނެވެ.

https://sun.mv/174451

މިދިޔަ މަހު އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ މަޖިލީހުގެ ޖަލްސާއެއްގައި ސިޔާމް ވަނީ ގައުމުގެ އިގްތިސާދީ، ސިޔާސީ އަދި އިޖްތިމާއީ ހާލަތަށް ބެލުމަށް ފަހުގައި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ނޫން ކަމަށް ވިދާޅުވެ، ކޯލިޝަން ހެދުމަށް ހުށަހަޅުއްވައިފައެވެ.

އެހެންވެ، އެ ޕާޓީން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރެއްވުމަށް ފަހުގައި ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއެކު ކޯލިޝަން ހަދަން ނިންމައިފައެވެ.

comment ކޮމެންޓް