މައްސަލައަކީ އެމްޑީޕީއެއް ނޫން، ޕާޓީގައި އުޅޭ ބައެއް މީހުން: ސިޔާމް

އެމްޑީއޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ސިޔާމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އެމްޑީޕީއަކީ އޭގެ ޒާތުގައި އެއްވެސް މައްސަލައެއް އޮތް ޕާޓީއެއް ނޫންކަމަށާއި މައްސަލައަކީ އެ ޕާޓީގެ ތެރޭގައި ތިބި ބައެއް ބޭފުޅުން ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އެ ޕާޓީން މަސައްކަތްކޮށްފައި ވަނީ އެމްޑީޕީއާ އިދިކޮޅަށް ކަމަށެވެ.

އެއިރު އިދިކޮޅު ފިކުރެއްގެ ގޮތުގައި އޮވެ ސަރުކާރުގެ ގޯސް ވާހަކައާއި ކުންފުނިތަކުގެ ހިންގުމުގެ ގޯސް ވާހަކަ ދައްކާފައިވާނެ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

އެހެންނަމަވެސް ހަގީގަތުގައި އޭގެ ޒާތުގައި އެއްވެސް ސަރުކާރެއް ނުވަތަ ކުންފުންޏެއް ވެސް ގޯސް ނޫންކަމަށާއި ގޯސްވީ ހިންގަން ހަވާލުވެ ތިބި ބަޔަކުކަމަށް ސިޔާމް ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީއާ އެއިރު ދުރުވާން ޖެހުނީ ދީނަށް ފުރައްސާރަކޮށް، ދީނަށް ކުޑައިމީސްވާހެން އެއިރު އެމްޑީޕީގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އެތައް ވާހަކައެއް ދައްކަވަމުން ގެންދިއުމުންކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި އެއީ އެމްޑީއޭގެ އާންމު މެމްބަރުންނާއި ޚުދު އޭނާ ވެސް އެންމެ ހިތްހަމަޖެހިވަޑައިނުގަތް ކަންތައްކަމަށް ސިޔާމް ވިދާޅުވިއެވެ.

ނަމަވެސް މިއަދު އެމްޑީޕީގައި އެންމެ އިސްކޮށް ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުން ނުރަނގަޅު އެއްވެސް ސިފައެއް ނުވަތަ ދީނަށް ކުޑައިމީސްކުރުމުގެ އެއްވެސް އަމަލެއް ނުފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

"އުޅޭ މީހާގެ ސަބަބުން އެ އެއްޗެއް ސަކަރާތްވަނީ. އެ މީހަކީ ކާކު. އެ މީހާ ގޯސްވީމާ އެ އެއްޗެއް ސަކަރާތް ވާނެ. އެހެންވީމާ އަޅުގަނޑު އެއިރުގައި ވެސް، އަދި އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން ވެސް ހިތްހަމަ ނުޖެހިގެން ދިޔައީ ދީނީ ބައެއް ކަންތައްތަކުގައި ވިދާޅުވާ ބަސްފުޅުތަކުން. އެއީ އަޅުގަނޑު ވެސް ހިތްހަމަނުޖެހޭ އެއްޗަކީ. އަޅުގަނޑުމެންގެ ޑެޕިއުޓީ މައުރޫފް ވެސް އެ ވިދާޅުވީ އެ ގޮތަށް. އަޅުގަނޑު މިއަދު ވެސް ހިތްހަމަ ނުޖެހޭ. އެހެންނަމަވެސް މިއަދު އެމްޑީޕީގެ ތިން އަކުރަކީ ކުށެއް ނޫން. އެކަމަކު ތަނަށް އަންނަ މީހުންގެ ސަބަބުން ތަން ގޯސްވަނީ، މިއަދު އެހެރީ އެ މޫނުމަތި މުޅިން ބަދަލުވެފައި،" ސިޔާމް ވިދާޅުވިއެވެ.

އެމްޑީއޭގެ ރައީސް ވިދާޅުވީ ރައީސް ޞާލިހާއެކު މަސައްކަތް ކުރަން ނިންމުމުގެ ކުރިން އެ މަނިކުފާނުގެ ސަރުކާރުގައި ދީނީ ސިޔާސަތު އޮތް ގޮތް އޮޅުން ފިލުވައިފައިވާކަމަށެވެ. އެގޮތުން ރައީސް ޞާލިޙްގެ ސަރުކާރުގައި ދީނީ ސިޔާސަތާ ގުޅުންހުރި ހުރިހާ ކަމެއް ނިންމުމުގެ ބާރު ދީނީ އިލްމުވެރިންނާ ހަވާލުކުރައްވައިފައިވާކަމަށް ސިޔާމް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް ސިޔާމާއި ރަޖިސްޓްރާ މުހައްމަދު އުމަރު --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ހަމައެއާއެކު ފާއިތުވެދިޔަ ދިގު މުއްދަތުގައި އެމްޑީޕީގައި އޭނާ ވާހަކަދައްކަވާ ހަމައެކަނި ބޭފުޅަކަށް ހުންނަވާނީ ރައީސް ޞާލިހުކަމަށާއި އެއީ އެ މަނިކުފާނުގެ އަޚްލާގް ރަނގަޅުވުމުންކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

"އެހެންވީމާ މޫނުމަތި ތަފާތުވުމާއެކު އަޅުގަނޑުމެންގެ އެ ފިކުރު އަޅުގަނޑުގެ ހިތުން ގައިމު ވެސް ނެތިގެން ހިނގައްޖެ،" ސިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއާއެކު ކޯލިޝަން ހަދައިފިނަމަ އެމްޑީއޭއަށް ތާއީދުކުރާ ބައެއް މެމްބަރުން ވޯޓު ނުދޭން ނިންމި ފަދައިން، ޕީޕީއެމާއެކު ކޯލިޝަން ހަދައިފިނަމަ ވެސް ވޯޓު ނުދޭނެ ބަޔަކު ތިބޭނެކަމަށެވެ.

އެހެންނަމަވެސް އެމްޑީއޭގެ މެމްބަރުންގެ ކިބައިގައި އެ ފަދަ ރައްޔިތުންނަށް ވިސްނައިދިނުމުގެ ގާބިލްކަން ހުންނަންވާނެކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް