މީހެއްގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލި ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
ބަންގަލަދޭޝްގެ، އުމުރުން 28 އަހަރުގެ އެ މީހާގެ މައްޗަށް ތުހުމަތުކުރަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށެވެ.
ތަހުގީގު މަރުހަލާ އާއި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން މިއަދު ކްރިމިނަލް ކޯޓުން ކުރި އަމުރުން އެނގޭ ގޮތުގައި އޭނާ ވަނީ ތޫނު ހަތިޔާރަކުން ދެ މީހަކަށް އަނިޔާތަކެއް ދީފައެވެ. އަދި ދަތް އަޅައިގެން މީހެއްގެ އިނގިލި ބުރިކޮށްލާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
"މި އަމަލުތަކުގެ އަނިޔާވެރިކަމަށް ބަލާއިރު މީނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ފެނޭ," ގާޒީ އަލީ ނަދީމް ނެރެދެއްވި ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އެ ބިދޭސީ މީހާ މިއަދު ހައްޔަރުކޮށްފައިވާއިރު މި ދުވަސްވަރު މާލޭގައި އަންނަނީ ސިލްސިލާ މާރާމާރީތަކެއް ހިންގަމުންނެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައި ނުވާތީ އިތުރު ތަފުސީލް ވަނީ ލިބޭ ގޮތް ނުވެފައެވެ.