ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ޒޯނު ދޭއްގެ ޗެމްޕިއަންކަން އިނގުރައިދޫއިން ހޯދައިފިއެވެ.
މިރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނު އެ ޒޯނުގެ ފައިނަލް މެޗުގައި ބައްދަލުކުރީ އިނގުރައިދުއާއި އޭދަފުއްޓެވެ. އެ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިނގުރައިދުއިންނެވެ.
އެ މެޗުގައި އިނގުރައިދޫގެ ދެ ގޯލު ޖެހީ މުހައްމަދު މަމްދޫހާއި، އަހުމަދު އައިހަމެއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް މަމްދޫހުއެވެ.
އޭދަފުށި މިރޭގެ ފައިނަލް މެޗުން ބަލިވި ނަމަވެސް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ގަދަ 16ގައި ކުޅުމުގެ ފުރުސަތު އެ ޓީމަށް ލިބޭނެއެވެ. އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯނު ފައިނަލްގައި ކުޅޭ ދެ ޓީމު ގަދަ 16އަށް ދަތުރުކުރާނެއެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ޒޯނު ދޭއްގައި ހިމެނެނީ ރ. އިނގުރައިދޫއާއި ބ. އޭދަފުއްޓެވެ.
އެ ޒޯނުގުގައި ދެ ޓީމު ހިމެނޭތީ އެ ޒޯނުގެ މެޗުތައް ކުޅުނީ ހޯމް އެންޑް އަވޭ އުސޫލުން ދެ ލެގުގެ ފައިނަލެއްގެ ގޮތުގައެވެ. އެގޮތުން އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ ފައިނަލް މެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިނގުރައިދޫއިންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.