އޭދަފުށީގައި 1000 ހައުސިން ޔުނިޓް އެޅުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

އޭދަފުށީގައި 1000 ހައުސިން ޔނިޓް އެޅުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ޗައިނާގެ ސައިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ އެކު ސޮއިކުރުން -- ސަން ފޮޓޯ/ މޫސާ ނަދީމް

ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއެއް ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

މި ފަހުމުނާމާގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާގެ ސައިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑް (ސައިނޯހައިޑްރޯ)ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު ޕޭން ގުއާންޒޫއެވެ.

މި މަޝްރޫއު އިޢުލާން ކުރެއްވީ، މިދިޔަ މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭދަފުށީ ދާއިރާގެ އިތުރު ދައުރެއް ކާމިޔާބުކުރެއްވި އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް)ގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސް ވިދާޅުވެފައިވަނީ އެ މަޝްރޫއަކީ ސަލީމްގެ އިސްނެންގެވުމުގެ މަތީން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އެގޮތުން އެ މަޝްރޫއު ސަރުކާރަށް ގެނައުމުގައްޔާއި، އެ މަޝްރޫއަށް ސަރުކާރުގެ ފަރާތުން ބޭނުންވާ ހުއްދަތައް ހޯދުމުގައި ވެސް ސަލީމް އިސްނެންގެވި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެ މަޝްރޫއާއެކު އޭދަފުށީގައި ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބޭނެކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް