ރަައީސާއެކު ހަދާނެ ޑީލްއެއް ނޯންނާނެ: ނާޒިމް

އެމްއެންޕީގެ ކޮންގްރެސްގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސެން

ވެރިކަމުގައި އޮތް އެމްޑީޕީއާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ހަދާނެ އެއްވެސް ޑީލްއެއް ނޯންނާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ޕްރޮގްރާމެއްކަމަށްވާ "ނާޒިމް ބުނަނީ ކީކޭ"ގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެމްޑީޕީގެ ހަމަތަކާއި އުސޫލުތަކުގައި ގަބޫލުނުކުރެވޭ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ. އަދި އެމްއެންޕީއަކީ ސަރުކާރުގެ ޕާޓްނަރެއް ނޫންކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ވަރަށް ގިނަ ފަހަރު ޕޯޑިއަމްތަކުގައި ދަންނަވައިފައި ހުންނާނީ އަޅުގަނޑުމެންނަކީ ސަރުކާރުގެ ޕާޓްނަރުންނެއް ނޫން. އަޅުގަނޑުމެން އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ހަދާނެ ޑީލެއް ނޯންނާނެ. އަޅުގަނޑުމެންނަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެގެން ހެދި ޕާޓީއެއް ނޫން. އަޅުގަނޑުމެން އަމިއްލައަށް ފެނިގެން ގައުމަށް ޓަކައި ޚިދުމަތް ކުރަން އުފެއްދި ޕާޓީއެއް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ކޯލިޝަން ހެދުމަކީ އޭނާ ދަންނަ އެއްޗެއް ނޫންކަމަށާއި އެއީ ގާނޫނު އަސާސީ ވެސް ދަންނަ ކަމެއް ނޫންކަމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި ކޯލިޝަން ހެދުމަކީ ގަބޫލުކުރަން ފަސޭހަ ކަމެއްް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިޔާސީ ޕާޓީތައް މި އުފައްދަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ޓަކައި ވެރިކަމަށް އައުމަށް. އެހެންވީމާ ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީއަކުން ގަބޫލުކުރާ ސިޔާސަތުތަކެއް އެބަޖެހޭ ރައްޔިތުންނާ ހަމައަށް ހާމަކުރަން،" އޭނާ ވިދާޅުވިއެވެ.

ރައްޔިތުން ގޮތް ނިންމާނީ އެ ސިޔާސަތުތައް ހާމަކުރާ ހިސާބުންކަމަށް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބެއްގެ ދެވަނަ ބުރެއްގައި އެކުގައި މަސައްކަތްކުރުމަކީ "ނެތް ގޮތެއް ނޫން"ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީގެ ކޮންގްރެސްގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސެން

އޭނާގެ ބައެއް ސިޔާސަތުތައް ހާމަކުރައްވަމުން ނާޒިމްވަނީ އޭނާގެ ވެރިކަމެއްގައި އެއްވެސް ގައުމެއްގެ ސިފައިންނަށް އަސްކަރީ ގޮތުން ރާއްޖޭގައި ބާރު ހިންގުމުގެ ފުރުސަތު ނުލިބޭނެކަމަށް ވިދާޅުވެފައެވެ.

"އާދެ އަޅުގަނޑު އަނެއްކާ ވެސް ހަމަ ވަރަށް ތަކުރާރުކޮށް ދަންނަވަން އޮތީ ދިވެހިރާއްޖޭގައި އިންޑިއާއެއް ނޫނޭ އެމެރިކާއެއް ނޫނޭ އަދި ނޫނީ ޗައިނާއެއް ނޫނޭ، އެއްވެސް ސިފައިންގެ މީހަކަށް އަސްކަރީ ބާރުވެރިކަމަކަށް މި ޕާޓީއަކުން، އާދެ އަޅުގަނޑުގެ ވެރިކަމެއްގައި އެއީ ހަމަ ދަންނަވާނީ އެއްވެސް ރުހުމެއް އޮންނާނެ ކަމެއް ނޫނޭ،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުރިހާ މައްސަލައެއް ވެސް ގުޅިފައި އޮތީ މި ސަރުކާރުން މިހާރު ޚާރިޖީ ސިޔާސަތު ބައްޓަން ކުރަމުން އަންނަ ގޮތާކަމަށެވެ. މިހާރު އެ ސިޔާސަތު އޮތީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ބައްޓަން ވެފައިކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

އޭނާވަނީ ރާއްޖޭ އޮތީ ދަރަނިވެރިވެފައިކަމަށާއި ސަރުކާރުގެ އިގްތިޞާދީ ސިޔާސަތު ވަަރަށް "ދޯހަޅި"ކަމަށް ވިދާޅުވެ ފާޑު ވެސް ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ މިއަދު ގައުމުގެ ހާލަތު އޮތީ މީގެ ކުރިން ނުދާފަދަ ދަށު ދަރަޖައެއްގައި ކަމަށެވެ. ގައުމާ މެދު އުންމީދުތައް ކުރާ މީހުން ތިބީ އެއްވެސް އުފާވެރި ޚަބަރެއް ނެތި، ހިތްދަތި ކަމެއްގެ ތެރޭގައި ކަމަށް ވެސް ނާޒިމް ވިދާޅުވިއެެވެ.

އެގޮތުން މަސްތުވާތަކެތީގެ ވަބާގައި ގިނަ ބަޔަކު ޖެހި، ފަގީރުންނާއި މުއްސަނދިންގެ ތަފާތު ރާއްޖޭގައި އިންތިހާއަށް އޮތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދައުލަތް ހިންގޭނެ ފަދަ އިލްމީ ވެރިއަކު ވެސް ގައުމުގައި ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.

އެހެންނަމަވެސް ދިވެހީންނަށް މިއަދަަށްވުރެ މާ އުފާވެރި ދުވަސްތަކެއް ހައްގުކަމަށް ނާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް