މެސީގެ ފަރާތުން ވަރލްޑްކަޕް ކާމިޔާބުކުރި އާޖެންޓީނާގެ މުޅި ޓީމަށް ރަން އައިފޯނެއް ދީފި

މެސީގެ ފަރާތުން އާޖެންޓީނާ ޓީމްގެ ކޮންމެ މެމްބަރަކަށް ދިނުމަށް ތައްޔާރުކުރި ރަން އައިފޯނުތަކުގެ ތެރެއިން ބައެއް ފޯނު---

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ލިއޮނެލް މެސީ، ވާލްޑްކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ ކުޅުންތެރިންނާއި އޮފިޝަލުންގެ ތެރެއިން ކޮންމެ މީހަކަށް ރަން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ހާއްސަ އައިފޯނެއް ހަދިޔާއަކަށް ދީފިއެވެ.

ނިމިގެންދިޔަ ވާލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އާޖެންޓީނާގެ ޓީމުން ކާމިޔާބުކުރުމާއި ގުޅިގެން އެކަމުގެ އެންމެބޮޑު އުފަލެއް ލިބުނީ ލިއޮނެލް މެސީ އަށެވެ. މެސީގެ ފުޓްބޯޅަ ކެރިއަރަށް ބަލާނަމަ، އޭނާ އަބަދުވެސް އެންމެ އިންތިޒާރުކުރަމުން އައީ ވާލްޑްކަޕް ތަށީގައި އަތް ޖައްސާލުމަށެވެ.

މިކަން ނިމިގެންދިޔަ ވަރލްޑްކަޕް ފައިނަލް މެޗްގެ ތަށި ދިނުމުގެ ރަސްމިއްޔާތުން ފެނިގެންދިޔައެވެ. އާޖެންޓީނާގެ ޓީމަށް ތަށި ހަވާލު ނުކުރަނީސް މެސީ ވަނީ ތަށީގައި އަތް ޖައްސާލުމުގެ އުފާ ލިބިގަނެފައެވެ.

ވާލްޑްކަޕް ތަށި އުފުލާލުމަކީ މެސީ އެންމެ ކުރިންސުރެ ވެސް ދެކެމުން އައި ހުވަފެނެވެ. ވާލްޑްކަޕް ތަށި ހާސިލްކުރުމަށް މެސީ ވަނީ ފަސް ވާލްޑް ކަޕެއްގައި ކުޅެފައެވެ. ނިމިގެންދިޔަ ވާލްޑްކަޕް ތަށި ލިބުމާއިއެކު އެހާތަނަށް އޭނާގެ ކެރިއަރުގައި ހާސިލްނުވެ އޮތް އެންމެބޮޑު އުއްމީދު ހާސިލްވީއެވެ.

މެސީ ވަރލްޑް ކަޕް ތައްޓާއެކު---

ވާލްޑްކަޕް ތަށި އާޖެންޓީނާގެ ޓީމަށް ލިބުމުން މެސީއަށް ލިބިގެންދިޔަ އުފާވެރިކަން ކިތަންމެހާ ވެސް ބޮޑެވެ. މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާއަށް ވާލްޑްކަޕް ތަށި ލިބުމަކީ ވަރަށް ގިނަ ބަޔަކު ކުރަމުންއައި އުއްމީދެކެވެ. އަނެއްކޮޅުން 1986 ވަނަ އަހަރަށްފަހު އާޖެންޓީނާއަށް ވާލްޑްކަޕެއް ނުލިބެއެވެ. މެސީ ކުޅުނު އެންމެފަހު ތިން ވާލްޑްކަޕްގައި އޭނާއަށް އޮތް އެންމެ ބޮޑު ޕްރެޝަރަކީވެސް އެއީއެވެ.

މި ހުރިހާކަމާއިއެކު މިދިޔަ ވާލްޑްކަޕްގެ ތަށި އާޖެންޓީނާއަށް ލިބުމުން މެސީ ދިޔައީ ވާލްޑްކަޕް ތަށި ލިބުމުގެ އުފާ ފާހަގަކުރާނޭ ގޮތަކާއިމެދު ވިސްނަމުންނެވެ. އެހެން ހުއްޓައި އައި ޑިޒައިންގެ ސީއީއޯ ބެން ލިއޯންސް މެސީއަށް ހިޔާލެއް ދިނެވެ. އެއީ ރަން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އައިފޯނެއް، ވާލްޑްކަޕް ހޯދި އާޖެންޓީނާ ޓީމްގެ ކޮންމެ މެމްބަރަކަށް ދިނުމެވެ.

އައި ޑިޒައިންގެ ސީއީއޯ ބެން ލިއޯންސް އަދި މެސީ

އައިޑިޒައިން ގޯލްޑުން މިހާރު ވަނީ މެސީގެ އޯޑަރަށް ތައްޔާރުކުރި ރަން އައިފޯނުތަކުގެ ފޮޓޯތައް އެ ކުންފުނީގެ އިންސްޓަގްރާމުގައި އާއްމުކޮށްފައެވެ. އައިޑިޒައިން ގޯލްޑްގެ ސީއީއޯ ބެން ލިއޯންސް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ރަން އައިފޯނު ފަރުމާކޮށްފައި ވަނީ މެސީގެ ވިސްނުމާ އެއްގޮތައް ކަމަށެވެ.

މެސީގެ ފަރާތުން އާޖެންޓީނާ ޓީމްގެ ކޮންމެ މެމްބަރަކަށް ދިނުމަށް ތައްޔާރުކުރި ރަން އައިފޯނުތަކުގެ ތެރެއިން ބައެއް ފޯނު---

މެސީ އާއި އައިޑިޒައިން ގޯލްޑާ ދެމެދު އޮތް ގުޅުން ކިތަންމެހާވެސް ބޮޑެވެ. މެސީއަކީ އައި ޑިޒައިން ގޯލްޑްގެ ލޯޔަލް ކަސްޓަމަރެކެވެ. އައި ޑިޒައިން ގޯލްޑުން ޖުމްލަ 35 އައިފޯނު ތައްޔާރުކޮށްފައިވާއިރު، މިއިން ފޯނެއްގެ އަގު 175،000 ޕައުންޑަށް އަރާކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ނޫސް ދި ސަންއިން ވަނީ ރިޕޯޓްކޮށްފައެވެ.

މިއިން ކޮންމެ ފޯނެއް ތައްޔާރުކޮށްފައިވަނީ 14 ކެރެޓް ރަން ބޭނުންކޮށްގެންނެވެ. މި ފޯނުތަކުގެ ފަހަތުގައި ކުޅުންތެރިންގެ ނަމާއި، ޖޯޒީ ނަމްބަރާއި އާޖެންޓީނާ ޓީމުގެ ލޯގޯގެ އިތުރުން ވާލްޑްކަޕް ބޭއްވި ތާރީހު ހިމަނާފައިވެއެވެ.

މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މެސީ މިހާރު ވަނީ ވާލްޑްކަޕް ހޯދި އާޖެންޓީނާގެ ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް މި ފޯނު ހަދިޔާކޮށްފައެވެ. ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަރލްޑްކަޕް ތަށި ލިބުމުގެ އުފަލުގައި ރަން ފޯނެއް މެސީގެ ފަރާތުން ދިން ނަމަވެސް މެސީއަށް އަބަދުވެސް "މިސް" ވާ ކަމެއް އެބައޮތެވެ.

އެއީ ވާލްޑްކަޕް ތަށި ލިބުނުއިރު، ގާތުގައި އެންމެ ހުންނަން ބޭނުންވި މީހާ ނެތުމެވެ. އެމީހާ އަކީ ލިއޮނެލް މެސީއަށް ވާލްޑްކަޕް ތަށި ހޯދައިދިނުމަށް އެންމެ ބޮޑަށް މަސައްކަތްކުރި، ފުޓުބޯޅަ ލެޖެންޑު އަދި 1986 އަހަރުގެ ވާލްޑްކަޕް އާޖެންޓީނާއަށް ހޯދައިދިން ޓީމުގެ ކެޕްޓަން ޑިއޭގޯ މަރަޑޯނާއެވެ.

comment ކޮމެންޓް