ކޮޕާ އެމެރިކާ: ފަހު ވަގުތު ޖެހި ލަނޑާއެކު އާޖެންޓީނާ ކުއާޓާއަށް

ލައުޓާރޯ މާޓިނޭޒް ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ -- ފޮޓޯ/ ސްޕޯޓްސްޓާ - ދި ހިންދޫ

އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން އެންމެ ފުރަތަމަ ޖާގަ ހޯދި ޓީމަކަށް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ވެގެން ހިނގައްޖެއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދީ މިއަދު ހެނދުނު ގްރޫޕް އޭގައި ޗިލީއާ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބު ކޮށްގެންނެވެ.

ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްކޮށްހެން ކަހަލަ ގޮތަކަށް ޑޮމިނޭޓްކޮށްފައިވަނީ އާޖެންޓީނާއިންނެވެ. ނަމަވެސް، ޗިލީއިން ވެސް ވަނީ މެޗުގައި ވަރަށް ރަނގަޅަށް ޑިފެންޑްކޮށް އާޖެންޓީނާގެ ގިނަ ހަމަލާތައް ދިފާއުކޮށްފައެވެ.

މެޗުގެ ކުރީކޮޅު ހޫލިއަން އަލްވަރޭޒާއި ނިކޮލަސް ގޮންޒާލޭސް ރަނގަޅު ދެ ހަމަލާއެއް ފޮނުވާލިއިރު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތު ލިބުނީ ކެޕްޓަން ލިއޮނެލް މެސީއަށެވެ. ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ޗިލީގެ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ފެނުނީ އާޖެންޓީނާއިން ހަމަލާއަށް އިސްކަން ދީގެން ކުޅުނުއިރު ޗިލީއިން ބޮޑަށް ދިފާއުކޮށް އަދި ލިބޭ ފުރުސަތުތަކުގައި ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ. މެޗުގައި ޗިލީއަށް އާޖެންޓީނާގެ ގޯލަށް އަމާޒުކޮށް ފުރަތަމަ ހަމަލާއެއް ފޮނުވާލެވޭވަރުވީ މެޗުގެ 72 ވަނަ މިނެޓުގައެވެ.

މެޗުގައި އާޖެންޓީނައިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި މެސީ ނަގައިދިން ކޯނަރަކުން ކާމިޔާބުކޮށްފައިވަނީ ލައުޓާރޯ މާޓިނޭޒެވެ. މާޓިނޭޒްވަނީ މުބާރާތުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ވެސް ލަނޑު ޖަހާފައެވެ.

މި ކާމިޔާބީއާ އެކު އާޖެންޓީނާއިން ވަނީ ގްރޫޕް އޭގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ. މިއާ އެކު ގްރޫޕްގެ އެއްވަނަ ނުވަތަ ދެވަނަ ލިބޭނެކަން ޔަގީންވެފައިވުމާ އެކު އެ ޓީމަށްވަނީ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުވެގެން ގޮސްފައެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހު ބައްދަލުކުރާނީ ޕެރޫއާއެވެ.

މި ގްރޫޕްގައި ކެނެޑާއާއި ޕެރޫ ބައްދަލުކުރި މެޗު ކެނެޑާ ކާމިޔާބުކޮށްވަނީ ފުރަތަމަ ފަހަރަށް ކޮޕާ އެމެރިކާގެ މެޗަކުން މޮޅުވެފައެވެ.

comment ކޮމެންޓް