ދިވެހިން ދިރިއުޅެމުން ދިޔަ ދަތި ހާލު މާޒީވެ ގޮސްފި: ސައީދު

ހިރިލަންދޫގައި އަލަށް ގާއިމްކުރި ފެނަކަ އޮފީސް ރައީސް ހުޅުއްވައިދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ދިވެހި ރައްޔިތުން ދިރިއުޅެމުން ދިޔަ ދަތި ހާލު މާޒީވެ ގޮސްފި ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ތ. ހިރިލަންދޫގައި އަލަށް އިމާރާތްކުރި ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރައްޔިތުންނަށް ގެނެސްދީފައިވަނީ ތަރައްގީގެ މުޅިން އައު ރަން ޒަމާނެއް ކަމަށެވެ.

ފެނަކައިގެ ކޮންމެ އޮފީސް އިމާރާތެއް ރައީސް ހުޅުއްވައިދެއްވާ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަން ފާހަގަކުރައްވާ ސައީދު ވަނީ ރައީސް ޞާލިޙަށް ޝުކުރު އަދާ ކުރައްވާފައެވެ.

ދަތި އުނދަގުލާއެކުވެސް އަޅުގަނޑުމެންނަށް މި ކުރެވެނީ ކޮންކަމެއް ބާއޭ އަޅުގަނޑު ހިތަށް އަރާ. ނަމަވެސް ހިތްހަމަ ޖެހުން ލިބޭ އެންމެ ލަފްޒެއް ތަކުރާރުކޮށް އަޅުގަނޑު ކަންފަތުގައި ހުރޭ. ރައީސް އަބަދުވެސް ވިދާޅުވާ އެއްޗެއް، އަދި ޚާއްސަކޮށް އަޅުގަނޑުމެން މިކަން ފެށި އިރު ރައީސް ވިދާޅުވި ބަހެއް. ރައީސް ވިދާޅުވީ ތިމަން މަނިކުފާނު ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަމާ ހިތްހަމަ ޖެހުމާ ހަމަޖެހިލައިގެން ދިރިއުޅެވޭނެ މާހައުލެއް ދިވެހިރާއްޖޭގައި އޮތުމޭ. ފެނަކައިގެ އެމްޑީ އަހުމަދު ސައީދު

ހިރިލަންދޫގައި އަލަށް އިމާރާތް ކުރި ފެނަކަ އޮފީސް / ފޮޓޯ: ރައީސް އޮފީސް

ފެނަކައިގެ އާ އޮފީސް އިމާރާތްކޮށް މި މަޝްރޫއު ފުރިހަމަ ކުރެއްވުމުގައި ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ދެއްވި އެއްބާރުލުމާއި ވެދެއްވި އެހީތެރިކަންވެސް ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުން ހިރިލަންދޫގައި އަލަށް އިމާރާތްކުރި އޮފީސް އިމާރާތަކީ އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ، ޖާގައިގެ ގޮތުން ތަނަވަސް އިމާރާތެކެވެ. ކުރީގެ އޮފީސް އިމާރާތުގެ ދެގުނަ ބޮޑުމިން ހުންނަ މި އިމާރާތުގެ ބޮޑު މިނަކީ 50 ފޫޓު 35 ފޫޓެވެ. މި އިމާރާތުގައި ލޮބީއަކާއި، މީޓިން ރޫމާއި، މެނޭޖަރ ރޫމަކާއި، ޓެކްނިކަލް ސްޓާފް ރޫމްގެ އިތުރުން، ރެސްޓްރޫމް، ޕޭންޓްރީ އަދި ފާހާނާ ހިމެނެއެވެ.

ކުރީގެ އޮފީސް އިމާރާތަށް 13 އަހަރު ވެފައިވާއިރު އެތަނުގައި މަސައްކަތް ކުރުމަށް ގިނަ ދަތިތަކެއް ކުރިމަތިވެގެން ދިޔަކަން މިރަށުގެ ރައްޔިތުން ފާހަގަކޮށްފައިވެއެވެ. މި މަޝްރޫފަށާފައިވަނީ 2021 ވަނަ އަހަރުގެ މާރޗް މަހުގެ 31 ވަނަ ދުވަހުއެވެ.

comment ކޮމެންޓް