ތ. ހިރިލަންދުއިން ފާތިމަތު ނަހުދާ ފާއިޒް
ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫތައް ކުރިއަށް ދާ ކަމަށާއި، އެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިއަދު ދިވެހި ރައްޔިތުންނަށް ލިބިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ތ. ހިރިލަންދޫގައި އަލަށް އިމާރާތް ކުރި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައި ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރަށުގެ ރައްޔިތުން ރައީސަށް ދެންނެވި ހޫނު މަރުހަބާއިން ހާމަވެގެން ދިޔައީ ރަށުގެ ތަރައްގީއަށްޓަކައި ދެކެމުން ދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާކަން ކަމަށެވެ.
އެމަނިކުފާން ވިދާޅުވީ ގައުމު ތަރައްގީވާނީ ރައްޔިތުން ތަރައްގީވެގެން ކަމަށާއި، އެކަމަށް މަގުފަހިވެގެން ދާނީ އަސާސީ ޚިދުމަތްތައް ފުރިހަމަ ވެގެން ކަމަށެވެ.
މީގެކުރީގެ ސަރުކާރުތަކުން ފެނިގެން ދިޔައީ ކޮންމެ ފަސްއަހަރަކުން ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އައިސްފައިވާތަން ނަމަވެސް، މި ސަރުކާރުން މަސައްކަތް ރާވަނީ ތަފާތުކޮށް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން ރައީސް ވިދާޅުވީ ކުދި ބޮޑު އެއްވެސް ރަށެއް ބާކީ ނުކޮށް ހުރިހާ ރަށެއް ހިމެނޭހެން ރައްޔިތުންނަށް އަސާސީ ތަރައްގީ ފޯރުކޮށްދިނުމަކީ މިސަރުކާރުގެ ސިޔާސަތު ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ އެކި ކުންފުނިތަކުގެ ވެރިންނާއި، މަޖިލީހުގެ މެމްބަރުން ދެއްވާ އެއްބާރުލުމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތްތަކަކީ ދުރުރާސްތާއަށް ވިސްނައިގެން ކުރިއަށް މިއޮތް 40، 50 އަހަރު ތެރޭގައި މާބޮޑު ބަދަލުތަކެއް ނުގެނެސް އެޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ޕްލޭން ކުރެވިގެން ކުރެވޭ ކަންތައްތަކެއް. އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުން ބޭނުންވާ ގޮތަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދިނުން. އިރާދަ ކުރެއްވިއްޔާ އެކަން ކޮށްދިނުމުގައި ސަރުކާރުން ދެމި އޮންނާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހް ވަނީ މިފަދަ އެތައް މަޝްރޫއެއްގައި ފެނަކައިން ވެދޭ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ޝުކުރު އަދާ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ މީގެ ކުރިން ހިރިލަންދޫ ރައްޔިތުންގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަން ނަމަވެސް މިހާރު އެ މަންޒަރު މުޅީން ބަދަލު ވެއްޖެ ކަމަށެވެ.
އަދި އެމަނިކުފާނު ވަނީ ރަށުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވިދާޅުވި ހޫން މަރުހަބާއަށް ޝުކުރު އަދާ ކުރައްވާފައެވެ.
މި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ރައީސް ވަނީ ހިރިލަންދޫގައި އަލަށް ހުޅުވި ފެނަކަ އޮފީސް އިމާރާތް ބައްލަވާލައްވާފައެވެ.