ތުރުކީގެ ބިންހެލުން: ގެއްލުމުން އަރައިނުގަނެވޭ ނަމަވެސް އިންތިޚާބު ފަސްނުކުރާނެ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޢާން -- ފޮޓޯ/ ޒިންހުއާ

ތުރުކީގެ ދެކުނަށް މިދިޔަ މަހުގެ ހަވަނަ ދުވަހު އައި ނުރައްކާތެރި ބިންހެލުމުން ލިބުނު ގެއްލުމުން އަރައިނުގަނެވޭ ނަމަވެސް، އަންނަ މެއި މަހު ބާއްވަން ހަމަޖެހިފައިވާ އިންތިޚާބު ފަސްކުރުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ދޭހަވާ މޭރުމަކުން އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޢާން ވާހަކަދައްކަވައިފިއެވެ.

ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ތަގުރީރުކުރައްވަމުން އުރުދުޣާން ވިދާޅުވީ، ބިންހެލުމަށް ފަހު ސަރުކާރުން އަމަލުކުރި ގޮތާ މެދު ފާޑުކިޔާ މީހުންނަށް ރައްޔިތުން ޖަވާބު ދޭނީ މެއި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އެއީ އެގައުމުގެ ރިޔާސީ އަދި އާންމު އިންތިޚާބު ބާއްވަން މިހާރު ތާވަލުކޮށްފައިވާ ދުވަހެވެ.

ނަމަވެސް ބިންހެލުން އައި ސަރަހައްދުތަކުގައި އިންތިޚާބުގެ ކަންކަން ހަމަޖެއްސުމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އުރުދުޣާން ހާމަނުކުރައްވައެވެ.

ތުރުކީގެ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، އެގައުމުގައި ޖޫން 18އަށް ވުރެ ކުރިން ރިޔާސީ އިންތިޚާބާއި އާންމު އިންތިޚާބު ބާއްވަން ޖެހެއެވެ.

ދެހާސްތިން ވަނަ އަހަރުން ފެށިގެން ތުރުކީގައި ވެރިކަން ކުރައްވަމުން ގެންދަވާ އުރުދުޣާން ވަނީ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައެވެ.

ނަމަވެސް އެގައުމުގެ އިންތިޚާބުތައް ބާއްވަން ހަމަޖެހިފައި ވަނީ އުރުދުޣާންގެ މަގުބޫލުކަން ދަށްވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި، ބިންހެލުމާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކާ މެދު ބައެއް މީހުން ނުރުހުމާއި ގައުމުގެ އިންފްލޭޝަން އިތުރުވުން ހިމެނެއެވެ.

ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި އެގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ -- ފޮޓޯ/ އޭއެފްޕީ

ތުރުކީއާއި ސީރިއާއަށް އައި ވަރުގަދަ ބިންހެލުމުގައި ގާތްގަނޑަކަށް 50،000ހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެތެރެއިން ގިނަ އަދަދެއްގެ މީހުން މަރުވެފައިވަނީ ތުރުކީގައެވެ.

ތުރުކީގައި 204،000 އާ ގާތްކުރާ އަދަދަކަށް އިމާރާތް ވެއްޓި، ބޮޑެތި ގެއްލުން ލިބިފައިވާއިރު މިލިއަނެއްހާ މީހުން ވަނީ ގެދޮރު ނެތިފައެވެ. އެމީހުންނަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ގެދޮރު އަޅައިދޭނެ ކަމަށް އުރުދުޣާން ވަނީ ވައުދުވެވަޑައިގެންފައެވެ.

އެގޮތުން އޭނާ ވަނީ މި އަހަރުގެ ތެރޭގައި ހަތަރު ލައްކައަށް ވުރެ ގިނަ ގެ އިމާރާތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި އެ ބިންހެލުމުގައި ތުރުކީއަށް ވަނީ 34.2 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައެވެ.

comment ކޮމެންޓް