މުލަކު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ނަސީރުގެ އަތުން ތިން ލައްކައެއްހާ ރުފިޔާ ހޯދަން މީހަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފިއެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މެންބަރު އިބްރާހީމް ނަސީރުއާއެކު ވިޔަފާރި ކުރިކަމަށް ބުނާ މީހެކެވެ.
އެ ދައުވާގައި ބުނެފައިވަނީ މެންބަރު އިބްރާހީމް ނަސީރާއެކު ހިކިމަހާއި ލޮނުމަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތުގެ ތެރެއިން އޭނާއަށް ލިބެންވާ 17,800 އެމެރިކާ ޑޮލަރު (274,476 ރުފިޔާ) މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
އެ ފައިސާ އޭނާއަށް ދޭންވާ ފަރާތުން އިބްރާހީމް ނަސީރުގެ އެކައުންޓަށް ޖަމާކޮށް އޭނާ ބޭނުންކުރުމުގެ ހުއްދަ ދިން ނަމަވެސް, ދައުވާ އުފިލި މީހާ ބުނާ ތާރީޚެއްގައި އެ ފައިސާ އޭނާއަށް ދިނުމަށް އަނގަބަހުން އެއްބަސްވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް މެންބަރު އިބްރާހީމް ނަސީރާ އަނގަބަހުން އެއްބަސްވި ގޮތަށް އެ ފައިސާ ދައުވާ އުފުލި މީހާއަށް ލިބިފައި ނުވާކަމަށް އޭނާ ވަނީ ބުނެފައެވެ.
ދައުވާއަށް އިބްރާހީމް ނަސީރު އިންކާރުކުރިއެވެ. އަދި ފައިސާއާ ގުޅިގެން ދެފަރާތުގެ ދެމެދުގައި އަނގަބަހުން އެއްބަސް ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ. ދައުވާ ކުރި ފަރާތަށް އެކަން ކޯޓުގައި ސާބިތު ކޮށްދެވިފައެއް ނުވެއެވެ.
އެހެންކަމުން އެ މައްސަލަ ބެއްލެވި ގާޒީ އަބްދުއްނާސިރު ޝަފީގު ހުކުމް ކުރެއްވީ އެ ފައިސާއަކީ ދައުވާކުރި މީހާއަށް އިބްރާހީމް ނަސީރު ދައްކަން ޖެހޭ ފައިސާއެއް ކަމަށް ސާބިތުނުވާ ކަމަށެވެ.