މަގޫދޫ ބަލިކޮށް ތިމަރަފުށި ޒޯނު ފައިނަލަށް

ތިމަރަފުއްޓާއި މަގޫދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސްލް ޗެލެންޖު 2023 ގެ ޒޯނު ބުރުގައި މަގޫދޫ ބަލިކޮށް ތިމަރަފުށިން ޒޯނު ފަހެއްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މެޗު ތިމަރަފުށިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ތިމަރަފުށީގެ ގޯލުތައް ޖެހީ އަހުމަދު ނާސިފްއާއި އަލީ ޝާފިއު (ރޮނާ)އެވެ. ރޮނާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ފަހެއްގައި ހިމެނެނީ ދ. އަތޮޅުގެ ޗެމްޕިއަން ކުޑަހުވަދޫއާއި ފ. އަތޮޅުގެ ޗެމްޕިއަން މަގޫދޫގެ އިތުރުން ތ. އަތޮޅުގެ ޗެމްޕިއަން ކިނބިދޫއާއި އެ އަތޮޅުގެ ރަނަރަޕް ތިމަރަފުއްޓެވެ.

ތިމަރަފުއްޓާއި މަގޫދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ރޭގެ މެޗުން މޮޅުވެ ތިމަރަފުށި ވަނީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ. އެ ޓީމު ވަނީ ޒޯނުގެ ފުރަތަމަ މެޗުގައި ކިނބިދޫއާ ވާދަކޮށް 8-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި މަގޫދޫ ޒޯނު ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ކުޑަހުވަދޫ އަތުން ވަނީ 4-2 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް