ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ޒޯނު ބުރުގައި ފިއްލަދޫ ބަލިކޮށް ފޯކައިދޫން ޒޯނު ސެމީއަށް ދަތުރުކޮށްފިއެވެ.
އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ރޭ ވަނީ ޒޯން އެކެއްގެ ދެ ގްރޫޕްގެ މެޗުތައް ކުޅެފައެވެ. ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ، އަދި ށ. އަަތޮޅުގެ ޓީމުތަކެވެ.
އެ ޒޯންގެ ގްރޫޕް އޭގައި ހިމެނެނީ އުތީމާއި ނައިވާދޫގެ އިތުރުން ނޭކުރެންދޫއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ފޯކައިދޫއާއި ކަނޑިތީމުގެ އިތުރުން ފިއްލަދޫއެވެ.
ޒޯން އެކެއްގެ ގްރޫޕްބީގެ މެޗުގައި ބައްދަލުކުރީ ފޯކައިދޫއާއި ފިއްލަދޫއެވެ. އެ މެޗަށް ފޯކައިދޫ ނިކުތްއިރު މެޗު އެއްވަރު ކޮށްލައިގެން ވެސް ސެމީއަށް ދިއުމުގެ ފުރުސަތު އޮތެވެ. ނަމަވެސް ފިއްލަދޫ ދެވަނަ ބުރަށް ދިއުމަށް ފޯކައިދޫ ބަލިކުރަން މަޖުބޫރެވެ.
ހުޅުމާލެ ރެހެނދި ދަނޑުގައި މިރޭ ކުޅުނު އެ މެޗު ފޯކައިދޫން ކާމިޔާބުކުރީ 4-3ގެ ނަތީޖާއަކުންނެވެ.
އެ މެޗަށް ނިކުތުމުގެ ކުރިން ފޯކައިދޫ ވަނީ ޒޯނު ބުރުގައި ކަނޑިތީމާ ދެކޮޅަށް ކުޅެފައެވެ. އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ޒޯނުގެ ފުރަތަމަ މެޗުގައި ފިއްލަދޫ ކަނޑިތީމާ ދެކޮޅަށް ކުޅުނުއިރު އެ މެޗުން ފިއްލަދޫ ވަނީ 4-2 ގެ ނަތީޖާއަކުން ބަލިވެފައެވެ.
އެހެންކަމުން ފޯކައިދޫ ސެމީއަށް ދަތުރުކޮށްފައިވަނީ ހަތަރު ޕޮއިންޓާއެކުއެވެ. އަދި އެއްވެސް ޕޮއިންޓެއް ނުލިބި ފިއްލަދޫއަށް ވަނީ މުބާރާތް ނިމިފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.