އެމްޑީޕީ ޕްރައިމަރީ މައްސަލައިގެ ޝަރީއަތް ފަސްކޮށްފި

އެމްޑީޕީގެ ރިޔާސީ އިންތިޙާބުގެ ޕްރައިމަރީގެ ވޯޓް ކަރުދާސް: އެ އިންތިހާބް ބާތިލްކުރުމަށް އެދި ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފަ --- ސަން ފައިލް ފޮޓޯ/ މުހައްމަދު ޝާތިއު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައެޅުމަށާއި ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ހަވާލުކުރުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ފެށުން ފަސްކޮށްފިއެވެ.

ސިވިލް ކޯޓުން މީގެ ކުރިން ބުނީ އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށާނެ ކަމަށެވެ. އަދި އެކަން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަރާތަށް ވެސް އަންގާފައެވެ. ނަމަވެސް ސިވިލް ކޯޓުގެ މިއަދުގެ ތާވަލުގައި އެ މައްސަލަ ހިމަނާފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް މިހާރު ތާވަލްކޮށްފައިވަނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުއެވެ.

ރިޔާސީ ޓިކެޓް ހަވާލުކުރުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދިފައިވާއިރު، އެމްޑީޕީން ވަނީ ރަސްމީކޮށް ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓު އަރުވައިފައެވެ.

ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި އެދިފައިވަނީ އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި 39،000 މެމްބަރުން އުނިކުރީ ޕާޓީން މެންބަރުން ވަކިކުރަން ޖެހޭ އުސޫލާ އެއްގޮތައް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ. ޕްރައިމަރީގެ ކެމްޕޭންގައާއި ކެމްޕޭނަށް ފަހުގައި ވެސް ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ ތަކުރާރުކޮށް އެ ތުހުމަތު ކުރައްވައިފައެވެ.

އަދި، ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް ރައީސް ޞާލިޙަށް އާންމު އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ތާއީދުނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެމްޑީޕީން ވަނީ މީގެ ކުރިން އުސޫލާ ހިލާފަށް ގިނަ މެމްބަރުންތަކެއް ވަކިކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ޕާޓީން ބުނީ، ވަކިކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި އެހެން ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ތިބި މީހުން ކަމަށެވެ. އަދި، ޕާޓީގެ ދަފުތަރުން ވަކި ކުރުމުގެ ކުރިން އަލުން އެ ޕާޓީއާ ގުޅުމުގެ ފުރުސަތު އެ މެންބަރުންނަށް ދިން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެކަމަކު، ނަޝީދު ގެންދަވަނީ އެއީ އޮޅުވާލުމެއްގެ ތެރެއިން އެ މަނިކުފާނަށް ތާއީދުކުރާ މެންބަރުން ވަކި ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރައްވަމުންނެވެ.

އެހެންވެ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުނުކޮށް، ޕާޓީ ތެރޭ ސިޔާސީ ވަކި ހަރަކާތެއް ހިންގަން އެ މަނިކުފާނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

comment ކޮމެންޓް