މޯލްޑިވްސް މެރިން އެކްސްޕޯގެ ސްޕޮންސަރުން ކަނޑައަޅައި އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
މާގިރި ހޮޓަލުގައި އޮތް ހަފުލާއެއްގައި ސްޕޮންސަރުންގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މި އެކްސްޕޯގެ އިވެންޓް މެނޭޖަރު ޝާމް މުހައްމަދެވެ.
މެރިން އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރީ އެލައިޑް އިންޝުއަރެންސާއެކުގައެވެ. ސައުންޑް އެންޑް ލައިޓްސް ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރީ އޮފިޝަލް އިވެންޓްސްއާއެކުގައެވެ. އިވެންޓުގެ ހައިޖީން ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރީ ކްލީން ޓެކްއާއެކުގައެވެ. ސެޓްއަޕް ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރީ އަސަރީ ސާވިސަސްއާ އެކުގައެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝާމް ވިދާޅުވީ މި އެކްސްޕޯ ވާނީ ރާއްޖޭގައި ބޯޓިންގެ ދާއިރާއިން ބާއްވާ އެންމެ ބޮޑު އެކްސްޕޯއަށް ކަމަށެވެ. އެގޮތުން ބޯޓިންގެ ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން އެކްސްޕޯގައި ބައިވެރިވާކަމަށް ޝާމް ވިދާޅުވިއެވެ.
"މޯލްޑިވްސް މެރިން އެކްސްޕޯއަކީ ވިޔަފާރިއަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ އިވެންޓެއްކަމުގައި ވިޔަސް އާންމު ރައްޔިތުން ވެސް ޒިޔާރާތްކޮށްލަންވީ މައުލޫމާތު ސާފުކޮށްލަން. އަޅުގަނޑުމެން ދިވެހީން މިއީ ކަނޑުގެ ދަރިން،" ޝާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ދާއިރާއަށް ޒުވާނުން ނެރެ އެ މީހުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުތަކެއް ހުޅުވައިދިނުން މުހިންމުކަމަށެވެ.
މީގެ އިތުރުން "އެޑެކްސް މޯލްޑިވްސް" ނަމުގައި އޭޝިއާގެ އެންމެ ބޮޑު ޑައިވިން އެގްޒިބިޝަން ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާޗު މަހު އޮންނަ މެރިން އެކްސްޕޯގެ ތެރޭގައެވެ. މެރިން އެކްސްޕޯ އޮންނާނީ މި ފެށޭ މާޗު މަހުގެ 15 ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިން ދާއިރާއަށް ޚާއްސަ މައުރަޒެކެވެ. މިއީ ބޯޓިން ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް އެއް ތަނަކަށް އައިސް މާކެޓްގައި ހުރި އުފެއްދުންތައް ދައްކާލުމަށާއި އާ އިޖާދުތައް ތައާރަފްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މައުރަޒެކެވެ.