އަގުހުރި އިނާމުތައް ކާމިޔާބު ކުރުމުގެ ފުރުސަތާއެކު، މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ މިއަދު ފަށައިފިއެވެ.
މި އެކްސްޕޯ ފެށުމަށް މިއަދު ސެންޓްރަލް ޕާކުގައި ވަނީ ހަފުލާއެއް ބާއްވައިފައެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.
މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މި އިވެންޓު އޮންނަނީ ކޮންމެ ދުވަހެއްގެ 16:00އިން 22:00އާ ހަމައަށެވެ.
އެ އެކްސްޕޯ އިންތިޒާމު ކުރާ މީޑިއަމް އިވެންޓްސްއިން ބުނީ މި މެރިން އެކްސްޕޯއަކީ ރާއްޖެގައި އެންމެ ދިގު މުއްދަތަކަށް ބާއްވާ އެންމެ ބޮޑު ކޮމާޝަލް އިވެންޓު ކަމަށެވެ. އެ އިވެންޓުގައި، ބޯޓު ބިލްޑަރުންނާއި އިންޖީން ބްރޭންޑުތަކާއި، އިންޓަނޭޝަނަލް މެރިން ބްރޭންޑުތަކުގެ އިތުރުން، ޑައިވް ބްރޭންޑުތައް ވެސް ބައިވެރިވެއެވެ.

މިއަދު ފެށި މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިން-- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ
އެ އިވެންޓުގައި ބައިވެރިވާ މީހުންނަށާއި، އެތަނަށް ޒިޔާރާތްކުރާ މީހުންނަށް ވެސް، މި އިވެންޓުގެ ތެރޭގައި ލަކީޑްރޯތައް ކާމިޔާބު ކުރުން ފަދަ ތަފާތު ފުރުސަތުތައް ހުޅުވާލާފައިވެއެވެ.
އޭގެ ތެރޭގައި އެމްޓީސީސީ ސްޓޯލުން ހުށަހަޅާ އައިފޯން 15 އާއި ސޮލާރެލް އިންޝުއަރެންސް ސްޓޯލުން ހުށަހަޅާ، ދެ މީހަކަށް ދެ ދުވަހު ގެސްޓްހައުސްއެއްގައި ހުރުމުގެ ފުރުސަތުވެސް ހިމެނެއެވެ.
މީޑިއަމް އިވެންޓްސްއިންވަނީ އެ އިވެންޓުގައި ވަރަށް ގިނަ ސްޕޮންސަރުން ހިމެނޭކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި:
- ގަލްފް ކްރާފްޓް (މެއިން ސްޕޮންސަރު)
- ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓްސް (ކޯ ސްޕޮންސަރު)
- މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕީއެލްސީ (އެމްޓީސީސީ)