މެރިން އެކްސްޕޯ 2025ގެ ޕާޓްނަރަކަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން

އަންނަ އަހަރުގެ "މެރިން އެކްސްޕޯ" ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައި --

މި ފެށޭ އަހަރުގެ ފެބްރުއަރީގައި ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯ 2025ގެ ޕާޓްނަރަކަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ހަމަޖައްސައިފިއެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ އިވެންޓެއްކަމަށްވާ މެރިން އެކްސްޕޯ އޮންނާނީ ފެބްރުއަރީ ހަޔަކުން ނުވައަކަށެވެ. މިއީ މި އެކްސްޕޯގެ 10ވަނަ އެޑިޝަނެވެ.

އެންބީއޭއެމްއިން ބުނި ގޮތުގައި އަންނަ އަހަރުގެ އެކްސްޕޯގައި ބޯޓު މެޝިނަރީއާއި އިކުއިޕްމަންޓުގެ ޚާއްސަ އަގުތަކާއެކު، މަސްވެރިންނަށް ޚާއްސަކޮށްގެން "ފިޝަމަންސް ނައިޓް"އެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ.

މި އެކްސްޕޯގެ ތެރެއިން "ފިޝަމަންސް ނައިޓް" ބާއްވަނީ މަސްވެރިންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. މި އިވެންޓުގައި މަސްވެރިންނަށް ޚާއްސަ ޕްރޮމޯޝަންތަކަކާއެކު މަސްވެރިކަމުގެ ސިނާއަތް ކުރިއެވުމާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާތައް ބާއްވާނެ ކަމަށް ބީކޭއެމްޔޫއިން ބުނެއެވެ.

ބީކޭއެމްޔޫގެ ބައިވެރިވުމާއެކު، މެރިން އިންޑަސްޓްރީއާއި މަސްވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުންނަށް ފަހި ޕްލެޓްފޯމެއް ކަށަވަރުވެގެންދާނެ ކަމަށް ވެސް އެންބީއޭއެމްއިން ބުންޏެވެ.

"މޯލްޑިވްސް މެރިން އެކްސްޕޯ"އަކީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން ކުރިއަށްގެންދާ އެގްޒިބިޝަނެކެވެ. މި އެކްސްޕޯގައި މަޝްހޫރު އިންޓަނޭޝަނަލް ބްރޭންޑުތަކުގެ ބޯޓުތަކާއި، މެރިން ސްޕެއާއާއި މެޝިނަރީގެ އިތުރުން މަސްބޭނުމަށް ބޭނުންކުރާ ސާމާނާއި ވޯޓާ ސްޕޯޓްސް އިކުއިޕްމަންޓާއި އަދިވެސް އިތުރު ތަކެތި ދައްކައިލާނެއެވެ.

އާންމުންނަށް ހުޅުވާލެވިފައިވާ މި އިވެންޓުން ޝައުގުވެރި ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް ވެސް އެންބީއެމްއޭއިން ބުނެއެވެ.

comment ކޮމެންޓް