ކޫއްޑޫ ބަނދަރުގައި އިމްޕޯޓުގެ ޚިދުމަތް ގާއިމް ކޮށްގެން ނޫނީ ރާއްޖޭގެ އިގްތިސާދު ފުޅާ ނުކުރެވޭނެ ކަމަށް ގއ. ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހެޅުއްވި، ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިވާ ސަރަޙައްދީ ބަނދަރުތައް ބޭނުންކޮށްގެން ސަރަޙައްދީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، އެ މަސައްކަތް ހަލުވިކުރުމަށް އެދި ގޮވާލައި ހުށަހަޅާ ގަރާރަށް ބަހުސް ކުރައްވަމުން ސައުދު ވިދާޅުވީ ކޫއްޑޫ ޕޯޓަކީ ރާއްޖޭގެ އެންމެ ބޮޑު އެކްސްޕޯޓްސް އޮޕަރޭޝަން ހިނގާ ޕޯޓު ކަމަށެވެ.
"ރާއްޖޭގައި ހިނގާ އެންމެ ވަރުގަދަ އެކްސްޕޯޓް އޮޕަރޭޝަން ހިންގަނީ ގއ. ކޫއްޑޫގައި ހުވަދޫ އަތޮޅުގައި. މި ޕޯޓަށް އިމްޕޯޓް އޮޕަރޭޝަން ހިންގޭނެ ދުވަހެއް އަދިވެސް ނާދޭ،" ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ކޫއްޑޫ ބައިނަލްއަގުވާމީ ބަނދަރުން ނިމިދިޔަ އަހަރު އެކަނި ވެސް 53 ހާސް މެޓްރިކްޓަނުގެ މަސް ބޭރުކުރި ކަމަށާއި، ސީދާ ކޫއްޑޫއިން ތައިލެންޑަށް 20 ބޯޓަށް ލޯޑް ކޮށްގެން ފުރިކަމަށެވެ.
"ކޫއްޑޫގައި މިހާ ވަރުގަދަ އޮޕަރޭޝަނެއް ހިނގާ ޕޯޓް ބޭނުންކުރަނީ ހަމައެކަނި އެކްސްޕޯޓް ކުރުމަށް ޓަކައި. ހުވަދޫ އަތޮޅު ކުޑައީތޯ އިމްޕޯޓް އޮޕަރޭޝަން ކޮންޓެއިނަރުގެ ޚިދުމަތް ގާއިމް ކުރުމަށްޓަކައި، ހުވަދޫ އަތޮޅު ކުޑައީތޯ؟"، ސައުދު ވިދާޅުވިއެވެ.
ސައުދު އިތުރަށް ވިދާޅުވީ ކޫއްޑޫގައި ބައިނަލްއަގުވާމީ ޕޯޓެއްގެ އޮޕަރޭޝަންތައް ހިންގާ ނަމަވެސް އެކަން ސަރުކާރަށް ނޭނގޭ ކަމަށެވެ.
"އެހެންވީމާ، ކޫއްޑޫގެ ޕޯޓަކީ އިންޓަނޭޝަނަލް އިމްޕޯޓް އޮޕަރޭޝަނެއް ހިންގޭނެ، ކޮންޓެއިނާ ސާވިސް ގާއިމް ކުރެވޭ ޕޯޓަކަށްވެގެން ނޫނިއްޔަކާ ރާއްޖޭގެ އިގުތިސާދު ފުޅައެއް ނުކުރެވޭނެ. އެ ތަނަކީ ވިހި ހާސް، އަހަރެއްގެ މައްޗަށް ފަންސާސް ހާސް ޓަނުގެ މަސް އެކްސްޕޯޓް ކުރާ ޕޯޓަކަށް ވެފައި އެތާނގައި ކޮންޓެއިނާ އޮޕަރޭޝަން ނުހިންގޭ ކަމަށް ވަންޏާ މި ޕޯޓުގެ އެއްވެސް ބޭނުމެއް ނެތް،" ސައުދު ވިދާޅުވިއެވެ.
ކޫއްޑޫ ބަނދަރަކީ ކޫއްޑޫ ވުޖޫދުވީއްސުރެ އެ ރަށުގައި އޮންނަ ބަނދަރެކެވެ.