ވެންޓިލޭޓަރުތަކުގެ ޚިޔާނާތުން ގެއްލުނު 32 މިލިއަން ރުފިޔާ ހޯދަން އޭޖީން އާބިޓްރޭޝަނަށް

ބަންޑާރަ ނައިބު ރިފްއަތު -- ސަން ފޮޓޯ / މުޒައްޔިން ނާޒިމް

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ހާލުދެރަވި މީހުންނަށް ފަރުވާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ލިބިފައިނުވާ މައްސަލައިގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ސަރުކާރުން އެދިފައިވަނީ އެއްބަސްވުމާ އެއްގޮތަށް ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާ އާއި، ވެންޓިލޭޓަރުތައް ފޯރުކޮށްދީފައިނުވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32.5 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

ދުބާއީގެ އެގްޒެކިއުޓާސް 75 ވެންޓިލޭޓަރު ގަތުމަށް އެއްބަސްވެފައި ވީނަމަވެސް މިހާތަނަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، އެތަކެތި ގަތުމަށް ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައެވެ.

އެއްބަސްވުމުގައި ހެލްތް މިނިސްޓްރީން ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް މިދިޔަ އަހަރުގެ މެއިމަހު ނޯޓިސް ފޮނުވާފައި ވީނަމަވެސް މިހާތަނަށް އެކުންފުނިން ބަދަލު ދީފައެއް ނުވެއެވެ.

ސަރުކާރުން ވަނީ އިންޓަރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދަންވެސް އެދިފައެވެ.

މީގެއިތުރުން، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި މައްސަލައިގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު، ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުޙައްމަދާއި، އެ މިނިސްޓަރީގެ ކުރީގެ ޑިރެކްޓަރު، ތ. ކިނބިދޫ ބޯގަންވިލާ، އަޙްމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުންނެވި، ލ. ގަން، ފެއަރީގާރޑެން ޢަލީ ޝިހާމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާފައެވެ.

އެމައްސަލައިގައި ދައުވާ ކުރުމާ މެދު މި ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށް ޕީޖީ އިއްޔެ ވިދާޅުވިއެވެ.

comment ކޮމެންޓް