އެމްއެންޕީގެ ސަރުކާރެއްގައި ޑުރަގު ޑީލަރުންނަށް އަދަބު ލުއި ނުކުރެވޭ ގޮތް ހަދާނަން: ނާޒިމް

އެމްއެންޕީގެ ރައީސް ކާނަލް ނާޒިމް --

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް ދެވޭ އަދަބު ލުއި ނުކުރެވޭގޮތް ހަދާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތިގެ ވިޔަފާރި ކުރަނީ ކޮންކޮން ބައެއްކަން ފުލުހުންނަށް ރަނގަޅަށް އެނގޭ ކަމަށާއި އެކަމަކު އެއްވެސް ފިވަޔަޅެއް އެޅޭތަން ނުފެންނަ ކަމަށެވެ.

ނާޒިމް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ މީހަކީ ވަކި ރަށަކަށް ނުވަތަ ވަކި އާއިލާއަކަށް ނިސްބަތްވާ މީހެއް ނަމަ ހައްޔަރުކުރާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މިންޖުވެގެން މުޖުތަމައު ތެރެއަށް ނުކުންނަ ކަމީ އެންމެން ދަންނަ ހަގީގަތެއް ކަމަށެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އަދަބު ލުއި ކުރެވޭ ގޮތަށް ގާނޫނުގައި އޮތް މާއްދާ ބަދަލުކުރުމަށް އެ ޕާޓީގެ ފަރާތުން ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތީ ޑްރަގް މީހުންނަށް އަދަބު ލުއި ކުރެވޭ ގޮތަށް ގާނޫނުގައި އެ އޮތް ބާގަނޑު ދާދި އަވަހަށް ބައްދާލުމަށް ޓަކައި މަޖިލީހަށް އިސްލާހެއް ހުށަހަޅާނަން،" ނާޒިމް ވިދާޅުވިއެވެ.

މަސްތުގެ ވަބާގައި ޖެހި ޒުވާނުންގެ ދެ ޖީލެއް ހަލާކުވެގެން ހިނގައްޖެކަން ފާހަގަ ކުރައްމުން ނާޒިމް ވިދާޅުވީ އެކަމުގެ ނުރަނގަޅު އަސަރު އެންމެ ބޮޑަށް ކުރާނީ ގައުމީ އުފެއްދުންތެރިކަމަށް ކަމަށެވެ.

"މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައި އޮތް ބޮޑު މައްސަލަ. އެކަން ތަހައްމަލު ކުރަމުން އަންނަ އާއިލާއަކަށް ނޫނީ މިކަމުގައި ހުރި ވޭނާއި ކެކުޅުން އިހްސާސެއް ނުކުރެވޭނެ،" ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި ކުށް ކުރުން އިތުރުވެފައިވާ ހާލާތާމެދު ކަން ބޮޑުވާކަން ފައުޅުކުރައްްވާ ނާޒިމް ވިދާޅުވީ ކުށްކުރާ ޖަމާއަތުގެ ބިރާއި އަދުލު އިންސާފުގެ މައްޗަށް އިތުބާރު ނެތިގެން ގިނަބަޔަކު މައްސަލަ ހުށަހަޅަން ބޭނުން ނުވާ ކަމަށާއި މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

comment ކޮމެންޓް