ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ އެކަން ހުއްޓާލުމަށް ގޮވާލާ ހުށަހެޅި ގަރާރު ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރު ދިރާސާ ކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.
މިއީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހަޅުއްވާފައިވާ ގަރާރެކެވެ. މި ގަރާރުގައި ވަނީ ދައުލަތުގެ އޮފީސްތަކާއި އިދާރާތައް އަދި ގުދަންކުރުމުގެ ބޭނުމަށް އިމާރާތް ކުއްޔަށް ހިފާ، އެކަމަށް މަހަކު 8.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަ ކުރަމުންދާ ކަމަށެވެ. އެއީ އަހަރަކަށް ބަލާނަމަ 102 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަމަށް ގަރާރުގައި ވެއެވެ.
ކުއްޔަށް ބޮޑު ހަރަދެއް ހިނގަމުންދާ މައްސަލަ ހައްލުކުރަން ގަރާރުގައި ވަނީ ދައުލަތުގެ އޮފީސްތަކާއި އިދާރާތަކާއި ގުދަންތައް ދައުލަތުގެ އިމާރާތްތަކަށް ބަދަލު ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ ކަމަށެވެ.
މި ނުރަނގަޅު އާދަ ދެމިގެން ދާގޮތަށް އޮތުމަކީ ފައިސާ މެނޭޖް ކުރުމުގައި އިސްރާފު ބޮޑު، އަދި ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް ގަރާރުގައިވެއެވެ. އަދި ދައުލަތުގެ އޮފީސްތަކާ އިދާރާތައް ހިންގުމަށް އެކަށީގެން ނުވާ ތަންތަނުގައި އެ ތަންތަން ހިންގުން ހުއްޓުވުމަކީ ބޭނުންތެރި ކަމެއް ކަމަށް ވެސް ގަރާރުގައި ވެއެވެ.
"ޚިދުމަތް ހޯދުމަށް ދާފަރާތްތަކަށް ވެސް ޚިދުމަތް ހޯދުމަށް ފަސޭހަވާނެ ގޮތަށް ދާއިމީ ހައްލެއް ހޯދުމަކީ ބޭނުންތެރި ކަމެއް،" ގަރާރުގައި ވެއެވެ.
އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ވިސްނުމާއި ޕްލޭނެއް އޮތްކަމަށް ނުދެކޭ ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާތީ ދައުލަތުގެ ކަމާބެހޭ އިދާރާތައް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހާޒިރުކޮށް އެކަމަށް އަވަސް ހައްލެއް ހޯދުމަށް ގަރާރުގައި ގޮވާލާފައިވެއެވެ.
ސަރުކާރުގެ އޮފީސް އިމާރާތްތަކުގެ ގޮތުގައި މިހާރު ހުންނަނީ ވެލާނާގެއާއި ގާޒީ ބިލްޑިން އާއި މިފަހުން ހުޅުމާލޭގައި ހުޅުވި 'އުމަރު ޒާހިރު އޮފީސް ބިލްޑިން"އެވެ. ކުރިން ދައުލަތުގެ އޮފީސްތަކެއް ހިންގަމުން އައި ހުރަވީ ބިލްޑިން ދާދި ފަހުން ވަނީ ތަޅާލާފައެވެ.