ބިންހެލުމުގައި ގެދޮރު ގެއްލިފައިވާ 1.5 މިލިއަން މީހުންނަށް އަލުން ގެދޮރު ބިނާކުރަނީ

ތުރުކީ ބިނެހްލުމުގައި ހާލުގައި ޖެހިފައިވާ މީހުން -- ފޮޓޯ/ ރޮއިޓާސް

ތުރުކީގެ ހުޅަނގު ދެކުނަށް މި މަހުގެ ހަވަނަ ދުވަހު އައި ނުރައްކާތެރި ބިންހެލުންތަކާ ގުޅިގެން، ގެދޮރު ގެއްލިފައިވާ 1.5 މިލިއަން މީހުންނަށް އަލުން ގެދޮރު ބިނާކުރުމުގެ މަސައްކަތް ފަށާފައިފިއެވެ.

ތުރުކީ އާއި ސީރިއާގައި މަރުވި މީހުންގެ އަދަދު ވަނީ 50،000އަށް ވުރެ މައްޗަށް ގޮސްފައިއެވެ.

ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އޭއެފްއޭޑީ) އިން އިއުލާން ކުރި ގޮތުގައި ތުރުކީއިން މަރުވި މީހުންގެ އަދަދު 44،000އަށް ވުރެ މަތިވެފައި ވާއިރު ސީރިޔާގައި މަރުވި މީހުންގެ އަދަދު ވަނީ 5،000އަށް ވުރެ އިތުރުވެފައެވެ.

ބިންހެލުމުގައި 160،000އަށް ވުރެ ގިނަ އިމާރާތް ވަނީ ވެއްޓި ބޮޑެތި ގެއްލުން ލިބިފައެވެ. އޭގެ ތެރޭގައި 520،000 އެޕާޓްމަންޓް ހިމެނެއެވެ.

އިންތިޚާބު ކައިރިވެފައިވާއިރު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި ބިންހެލުމުގައި ގެދޮރު ގެއްލުނު މީހުންނަށް ގެދޮރު އަޅައިދިނުމަށް ވައުދުވެވަޑައިގެންފައެވެ.

"ބައެއް މަޝްރޫއުތަކަށް ބީލަންތަކާއި ކޮންޓްރެކްޓްތައް ހެދިފައި އެބަހުރި. އެ ޕްރޮސެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ." ތުރުކީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ބިންހެލުމުގައި ގެދޮރު ގެއްލުނު އެތައް ބަޔަކަށް ޓެންޓް ފޮނުވާފައިވީ ނަމަވެސް އެތަންތަނަށް ވަނުމަށް އުނދަގޫވާ ކަމަށް މީހުން ވަނީ ރިޕޯޓްކޮށްފައިއެވެ.

"އަހަރެންގެ އަށް ކުދިން އެބަތިބި. އަހަރެމެން މި އުޅެނީ ޓެންޓެއްގަ. މަތިން ފެން ވެހޭއިރު ބިން އެހާ ތެތް. އިތުރު ޓެންޓް ހެދުމަށް އެދެމުން އެމީހުން އަހަރެމެންނަށް ނުދޭ،" ހާލުގައި ޖެހިފައިވާ މީހަކު ބުންޏެވެ.

ތުރުކީގައި އަހަރުތަކެއް ވަންދެން ކޮންސްޓްރަކްޝަން ކޮލިޓީ ތަންފީޒު ނުކުރުމާ ގުޅިގެން އުރުދުޣާންގެ ސަރުކާރަށް ފާޑުކިޔުމުގެ ރާޅެއް ވަނީ ކުރިމަތިވެފައެވެ.

ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތުރުކީ ސަރުކާރުގެ ފުރަތަމަ ޕްލޭނެއްގެ ގޮތުގައި މިހާރު އޮތީ މަދުވެގެން 15 ބިލިއަން ޑޮލަރު ހަރަދުކޮށްގެން 200،000 އެޕާޓްމަންޓާއި 70،000 ގެދޮރު އެޅުމެވެ.

އެމެރިކާގެ ބޭންކް ޖޭޕީމޯގަން އިން ލަފާކުރި ގޮތުގައި ތުރުކީގެ ގެތަކާއި އިންފްރާސްޓްރަކްޗާ އަލުން ބިނާކުރުމަށް 25 ބިލިއަން ޑޮލަރު ހަރަދުވާނެއެވެ.

comment ކޮމެންޓް