މިރޭ ޒަޚަމްކޮށްލި މީހާގެ ހާލު ވަރަށް ސީރިއަސް

މާފަންނު ފިހާރައެއްގެ ތެރޭގައި މީހެއްގެ ގަޔަށް ވަޅި ޖަހައި ޒަޚަމްކޮށްލުން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މާފަންނު ބީޖީ ގަރާޖު ކައިރި ހުރި ފިހާރައެއްގެ ތެރޭގައި މިރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހާގެ ހާލު ވަރަށް ސީރިއަސްވެއްޖެއެވެ.

އޭނާއަށް ހަމަލާ ދީފައިވަނީ މިރޭ 21:30 ހާއިރުގައެވެ. ހާދިސާ ހިނގީ ކްރާސާ ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ފިހާރަށް އެ ޒުވާނާވަނީ އޭނާ ހޯދަމުން ދިޔަ ބަޔަކަށް ފިލުމަށެވެ. އޭނާ ފިހާރައިގެ ތެރޭ ހުއްޓައި ސައިކަލެއްގައި އައި ދެ މީހަކު އެ ފިހާރައަށް ވަދެ، އޭނާއަށް ހަމަލާ ދިނީ ކަމަށް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ ހާދިސާގައި އަނިޔާވެފައި ވަނީ 30 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

އޭނާއަށް ލިބިފައިވާ ޒަޚަމްތަކުގެ އެއްވެސް ތަފުސީލެއް ހިއްސާކޮށްފައި ނުވި ނަމަވެސް، އައިޖީއެމްއެޗުން ވަނީ އޭނާއަށް ފަރުވާ ދެނީ އިމަޖެންސީ ތިއޭޓަރުގައި ކަމަށް ބުނެފައެވެ. އިމަޖެންސީ ތިއޭޓަރަށް އާންމުކޮށް ގެންދަނީ މީހާގެ ހާލު ވަރަށް ސީރިއަސްވުމުންނެވެ.

މަންޒަރު ދުށް މީހެއް ކިޔައިދިން ގޮތުގައި އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކަށް ބަލާއިރު، އޭނާއަށް ދީފައިވާ ޒަޚަމްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ލޭ އޮހޮރިފައިވާ މަންޒަރު ފެނެއެވެ.

comment ކޮމެންޓް