ޔޫއޭއީއާއެކު އަސްކަރީ ގުޅުންތައް ވަރުގަދަކުރަން މަޝްވަރާކޮށްފި

ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އިންޖިނިއާ އީސާ ސައިފް ބިން އަބްލަން އަލް މަޒްރޫއީ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ބޭއްވި ބައްދަލުކުރެއްވުން / ފޮޓޯ: ޓްވިޓާ

ރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާ ދެމެދު އަސްކަރީ ގުޅުން ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިހާރު އަބޫދާބީގައި ކުރިއަށްދާ އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން 2023ގެ ތެރެއިން ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އިންޖިނިއާ އީސާ ސައިފް ބިން އަބްލަން އަލް މަޒްރޫއީ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުންވެސް ވަނީ މިހާރު ކުރިއަށްދާ ޑިފެންސް އެގްޒިބިޝަންތައް ފަދަ ބައްދަލުވުންތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އަސްކަރީ ދާއިރާއިން މުޅި ދުނިޔޭގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ކަމާ ގުޅޭ ހުރިހާ ފަރާތެއް އެއް ތަނަކަށް ޖަމާވެ އަމާންކަން ކަށަވަރުކުރުމުގައި ހުރި ހިރާސްތައް ދެނެގަނެ މަޝްވަރާކުރެވޭނެ ޕްލެޓްފޯމެއް މިއާއެކު ލިބިފައިވާކަން ދެފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، މިއީ ކާމިޔާބު އަދި މުހިންމު ބައްދަލުވުމެއްކަމަށާއި، އަމާންކަމާއި ހަމަޖެހުން ގާއިމްކުރުމަށް އަސްކަރީގޮތުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެވި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މި އެގްޒިބިޝަންގައި ބައިވެރިވުމަށް މިނިސްޓަރު މާރިޔާ ޔޫއޭއީއަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ.

މިދިޔަ ހޯމަ ދުވަހުން އިއްޔެގެ ނިޔަލަށް ޔޫއޭއީގައި ކުރިއަށްދިޔަ މިއެގްޒެބިޝަންގައި އެކި ގައުމުތަކުގެ އަސްކަރިއްޔާއިންވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް