އެހެން މީހެއްގެ ނަމުގައި ޕޯސްޓުން އެތެރެކުރި މަސްތުވާތަކެތި ބަލައި ދިޔަ މީހާ އުމުރަށް ޖަލަށް

މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން: އެހެން މީހެއްގެ ނަމުގައި ޕޯސްޓުން އެތެރެކުރި މަސްތުވާތަކެތި ބަލައި ދިޔަ މީހަކު ވަނީ އުމުރަށް ޖަލަށް ލާފަ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޕޯސްޓް މެދުވެރިކޮށް މީހަކަށް ނޭނގި އޭނާގެ ނަމުގައި ގެނައި މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ މީހާ އުމުރަށް ޖަލަށް ލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޕޯސްޓް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނައި ޕާރުސަލް އިނީ ހ. ޕާކްސައިޑް އަހްމަދު މުހްތާރުގެ ނަމުގައެވެ. އެ ޕާރުސަލު ބަލައި ޕޯސްޓް އޮފީހަށް ދިޔައީ ތ. ކިނބިދޫ, މަޑުލު, މުހައްމަދު ހާރިޘްއެވެ.

ޕާރުސަލުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރުމުން އެ ބަލައި އައި ހާރިޘްގެ ހާޒިރުގައި ކަނޑައި ބެލިއިރު އޭގައި 13.54 ގްރާމް މެފެޑްރޯން ހުރި ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

އެހެންކަމުން ހާރިޘްގެ މައްޗަށް ދައުލަތުން އުފުލީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާއަށް އިންކާރުކޮށް ހާރިޘް ބުނެފައިވަނީ ޕާރުސަލުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށާއި ފެނުނު މަސްތުވާތަކެއްޗާ އޭނާއާ ގުޅުވާނުލެވޭނެ ކަމަށެވެ. އަދި އެއީ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ އަހްމަދު މުހްތާރުގެ ޕާރުސަލެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް މުހްތާރުގެ ނަމުގައި އެތެރެކޮށްފައިވާ ޕާރުސަލެއް ހާރިޘް ބަލާގޮސްފައިވާ އެކަށީގެންވާ ސަބަބެއް ތަހުގީގުގައި އަދި ޝަރީއަތުގައި ވެސް ބަޔާން ކޮށްދެވިފައި ނުވާ ކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ. އޭނާ އެ ޕާރުސަލް ބަލާ ދިޔައީ 'ބޮޑޭ' ކިޔާ މީހަކު ބުނެގެން ކަމަށް ޝަރީއަތުގައި ބުނި ނަމަވެސް އޭނާގެ އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

އެގޮތުން ބޮޑޭ ކިޔާ މީހަކު އޭނާއަށް ގުޅައި ޕާރުސަލް ބަލާ ދިއުމަށް އެދުނު ނަމަވެސް އެ ގުޅި ނަންބަރު ހޯދުމަށް ހާރިޘްގެ ފޯނު ބަލަން ފުލުހުންނަށް ފޯނުގެ ލޮކު ކޯޑު ދީފައި ނުވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

ޕާރުސަލު އެތެރެކޮށްފައިވާ ވެރިފަރާތުގެ އައިޑީކާޑު ނަންބަރު ނުބައިކަން ފާހަގަކޮށް ހުކުމުގައި ބުނެފައިވަނީ, އެކަންކަމުން ދަލާލަތު ކޮށްދެނީ ތެދު ނޫން މައުލޫމާތުތަކެއް ހިއްސާކޮށްގެން ރާއްޖެއަށް އެއްޗެއް އެތެރެކުރުމަށް ހާރިޘް މަސައްކަތްކޮށްފައިވާ ކަމަށެވެ.

ފުލުހުންނާއި ކަސްޓަމްސް އޮފިސަރުންގެ ބަހަށްބަލައި އެ ޕާރުސަލަކީ ހާރިޘްގެ ޕާރުސަލަކަމާމެދު ޝައްކެއް ނެތް ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ. އަދި އޭނާގެ މައްޗަށް ވަނީ އެ ދައުވާ(ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ) ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.

އެހެންކަމުން އެކުށުގެ އަދަބެއްގެ ގޮތުން ހާރިޘް އުމުރަށް ޖަލަށް ލައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ގާޒީ އިސްމާއީލް ޝަފީއު ވަނީ އިއްޔެ ހުކުމް ކޮށްފައެވެ. އެ ފައިސާ އެއް އަހަރު ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވަނީ އަންގާފައެވެ.

comment ކޮމެންޓް