އަދާލަތު ޕާޓީން ރައީސް ޞާލިޙްއަށް ތާއީދުކުރަން ނިންމައިފި

ކޮލެޖް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބްރާހިމް މުޙައްމަދު ޞާލިޙް- ފޮޓޯ/ ފުލުހުން

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ދިން ދައުވަތު ގަބޫލުކޮށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމައިފިއެވެ.

އަދާލަތު ޕާޓީން މިހެން ނިންމީ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ތާއީދުކުރައްވަން މި ސަރުކާރުގައި ހިމެނޭ ޕާޓީތަކަށް ދިން ދައުވަތާ ގުޅިގެން އެ ޕާޓީގެ މަޝްވަރާ މަޖިިލީހުން ބޭއްވި ބައްދަލުވުންތަކަށް ފަހުއެވެ.

އެގޮތުން ނެރުނު ބަޔާނުގައި އަދާލަތު ޕާޓީން ބުނެފައިވާ ގޮތުގައި، ރައީސް ޞާލިހަށް ތާއީދުކުރަން ނިންމީ މި ވަގުތުގެ ހާލަތުގައި އެ ޕާޓީން ގަބޫލުކުރާ މަސްލަހަތުތައް ހިމާޔަތްކުރަން އެންމެ ފަހިކޮށް މަސައްކަތްކުރެވެން އޮތީ ދެވަނަ ދައުރަކަށް އެ މަނިކުފާނު އިންތިހާބުކޮށްގެން ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނާތީއެވެ.

"މި ވަގުތުގެ ހާލަތުގައި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް މަސައްކަތްކުރެވެން އޮތީ ވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު، [ރައީސް ޞާލިހް] އިންތިހާބުކޮށްގެން ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނާތީ" ބަޔާނުގައިވެއެވެ.

ރައީސްގެ ދައުވަތު ލިބުމާ ގުޅިގެން އަދާލަތު ޕާޓީން ފުރަތަމަ ނިންމީ އެމްޑީޕީއާ މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމުމަށެވެ. ބަޔާނުން އެނގުނު ގޮތުގައި، ރައީސް ޞާލިހް ވަނީ އަދާލަތުގެ ހުށަހެޅުންތައް ބަލައިގެންފައެވެ. މި ހުށަހެޅުންތަކުގެ ތެރެއިން ރިޔާސީ މެނިފެސްޓޯ އެކުލަވާލުމުގައި އެ ޕާޓީގެ ބައިވެރިވުން ފުރިހަމައަށް ހޯދަން އެއްބަސްވެވިފައިވާ ކަމަށް އަދާލަތުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، މާޒީގައި އެހެން ސިޔާސީ ޕާޓީތަކާ އެކީ ކުރެވުނު ތަޖުރިބާ އާއި ސަރުކާރުތަކުގައި އަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން ލިބުނު ފުރުސަތުތަށް ވެސް، ރައީސްއަށް ދެވަނަ ދައުރެއް ހޯދައިދޭން މަސައްކަތް ކުރަން ނިންމި ސަބަބެއްގެ ގޮތުގައި އަދާލަތުން ފާހަގަކުރިއެވެ.

ރައީސް ޞާލިޙްގެ ދައުވަތު އަދާލަތުން ގަބޫލުކުރި ނަމަވެސް، ކޯލިޝަނުގައި ދެން ހިމެނޭ ދެ ޕާޓީ ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން އަދި ގޮތެއް ނުނިންމައެވެ. މިހާތަނަށް އެ ދެ ޕާޓީން މި ދައުވަތާ ގުޅިގެން ގޮތްތަކެއް ނިންމާފައެއް ނުވެއެވެ.

comment ކޮމެންޓް