ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި ހިންމަފުށި ބަލިކޮށް ކ. އަތޮޅު ސެމީ ފައިނަލްގެ ފަހު ޖާގަ ކާށިދޫން ހޯދައިފިއެވެ.
ރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކާށިދޫ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ހިންމަފުއްޓާއި ދެކޮޅަށް ކުޅެފައިވާއިރު އެ މެޗު ކާށިދޫން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
ދަނޑުގެ ލައިޓް ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ މެޗު ވަގުތު ކޮޅަކަށް މެދު ކަނޑާލިއެވެ. އެ މެޗުގައި ކާށިދޫގެ ގޯލުތައް ޖެހީ އަބްދުﷲ ސުޒޭރާއި އިބްރާހިމް ހަލީމާއި، އިލްވާން މުހައްމަދުގެ އިތުރުން އަބާން މުހައްމަދެވެ.
މީގެ އިތުރުން އެ މެޗުގައި ހިންމަފުށީގެ ދެ ގޯލު ޖެހީ ހުސައިން ނާފިޒުއާއި އަތުޝާން އިބްރާހިމެވެ.
ކާށިދޫ ރޭގެ މެޗަށް ނިކުތް އިރު އެ އަތޮޅުގެ ސެމީގެ ތިން ޖާގަ ވަނީ ކަަށަވަރުވެފައެވެ. ސެމީގެ އެއް މެޗުގައި މާފުއްޓާއި ދިއްފުށި ކުޅޭއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ގާފަރާއި ރޭގެ މެޗުން މޮޅުވި ކާށިދޫއެވެ. އެ ދެ މެޗު ކުޅެން ހަމަޖެހިފައިވަނީ މާދަމާ ރޭ 10:00 ގައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.
މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.