އަންނަ އަހަރު ވާނީ ކޮންމެ ރަށަކަށް ވެސް ޚާއްސަ ކަންކަން އެ ރަށެއްގައި ކޮށްދޭ އަހަރަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ރަށްތަކުގެ ރައްޔިތުންނާއި ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށް ފެށްޓެވި ދަތުފުޅުގެ ތެރެއިން މިއަދު ކ. ހިންމަފުށްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
"...ކުރިޔަށް އޮތް އަހަރު ވެގެންދާނީ އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ތަސައްވުރެއް ކުރަހައިލާނަމަ، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލްވާ މުހިންމު ބޮޑެތި މައްސަލަތައް ހައްލުކުރުމާއި، ކޮންމެ ސޮސައިޓީއަކަށް، ކޮންމެ ރަށަކަށް، ކޮންމެ ކޮމިއުނިޓީއަކަށް މުހިންމު، އެ ރަށަކަށް ޚާއްސަ ކަންކަން ކޮށްދޭ އަހަރަކަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ކ. ހިންމަފުށްޓަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި ރައްޔިތުންނާއި ބައްދަލު ކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް
އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއްގެ ގޮތުގައި ރައީސް ވަނީ މީގެ ކުރިން ސިފަ ކުރައްވައިފައެވެ. ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ހިންމަފުށީގައި ވެސް އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާނީ ގެދޮރުވެރިކަމުގެ މަޝްރޫއެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައިވަނީ އެ ރަށުގެ ސްކޫލާއި، ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ވެސް މަސައްކަތްތަކެއް ކުރައްވާނެ ކަން ފާހަގަ ކުރައްވައިފައެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މިހާރު ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިވާ ރަށްތަކުގައި ދެން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާނީ މަގުހެދުމުގެ މަޝްރޫއުތައް ކަމަށެވެ. އެއާ އެކު، ކުޅިވަރާއި އިޖުތިމާއީ ގޮތުން ރޭވިފައިހުރި މަޝްރޫއުތަކަށް ވެސް އިސްކަންދީގެން އެ މަޝްރޫއުތައް ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ކ. ހިންމަފުށްޓަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި ރައްޔިތުންނާއި ބައްދަލު ކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް
އަދި އިގުތިސާދީ ގޮތުން ކުރިޔަށް ގެންދިއުމަށް ރައްޔިތުން އެދޭ ކަންކަމުގައި ކައުންސިލްތަކާއި މަޝްވަރާކޮށްގެން އެ ކަންކަމަށް ވެސް އަމަލީ ސިފަ ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވަނީ، ރައްޔިތުން އެދޭ ގޮތަށް ހިންމަފުށީގެ ތަރައްގީގައި ހަގީގީ ކުލަ ޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް މުއިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު މިހާރުވަނީ ގާތްގަނޑަކަށް ހުރިހާ ރަށަކަށްހެން ވަޑައިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވައިފައެވެ. ބާކީ ހުރި މަދު ރަށްތަކަށް އަންނަ އަހަރުގެ ތެރޭގައި ދަތުރު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.