މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް މެންބަރަކު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، ހަތަރު ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފޮނުއްވި ރައީސްގެ ސިޓީފުޅެއްގައި ބުނެފައިވަނީ ބްރޯޑްކޮމްގެ މެންބަރު އަމްޖަދު ވަހީދުގެ މެންބަރު ކަމުގެ މުއްދަތު އަންނަ މަހު 15 ގައި ހަމަވާތީ، އެ މަގާމަށް ކުރިމަތިލީ މީހުންގެ ނަންތައް ފޮނުއްވީ ކަމަށެވެ. އެގޮތުން، މުއްދަތު ހަމަވީއިރު ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާފައިވަނީ:
- ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު 5143
- ޝާން ސޯލިހު މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ
- ހުސައިން އަމްރު، ވ. ރޯޝަން
- ޞަފާ ޝަފީގް، ބިއްލޫރިވިލާ، ދ. މީދޫ
ރައީސް ދާދި ފަހުން ވަނީ، އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާގެ ބަދަލުގައި އެ ކޮމިޝަނަށް އައްޔަން ކުރާނެ މެންބަރަކު ކަނޑައެޅުމަށް ބްރޯޑްކޮމަށް އައްޔަން ކުރަން އިތުރު ފަސް ނަމެއް ވެސް މަޖިލީހަށް ފޮނުއްވައިފައެވެ.
މިދިޔަ މަހު ގައިސް ބްރޯޑްކޮމްއިން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި އައިމިނަތު އަމީނާއާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމް އަދި އަމްޖަދު ވަހީދެވެ.