ތުރުކީގައި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން އަނެއްކާވެސް ފަށައިފި

އިމާރާތްތަކުގެ ދަށުވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ އީޕީއޭ

ތުރުކީގައި އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން މިދިޔަ އާދިއްތަ ދުވަހު ހުއްޓާލުމަށް ފަހު، ރޭ އިތުރު ދެ ބިންހެލުމެއް އައުމުން އެ މަސައްކަތް އަނެއްކާވެސް ފަށައިފިއެވެ.

ތުރުކީގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކަށް މި ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުންތަކުގައި މީހުން ސަލާމަތްކުރުމުގެ އުންމީދު ކުޑަވެ، މިދިޔަ އާދިއްތަ ދުވަހު އެ އޮޕަރޭޝަން ވަނީ ގިނަ ސަރަހައްދުތަކުގައި ނިންމާލާފައެވެ.

ނަމަވެސް ރޭ އެގައުމަށް ވަނީ އިތުރު ދެ ބިންހެލުމެއް އައިސްފައެވެ. ތުރުކީގެ ޑިޒާސްޓާ އެންޑް އެމަޖެންސީ އެޖެންސީ އިން ބުނީ ރޭ 20:04ގައި އެގައުމަށް 6.4 މެގްނިޓިއުޑް ބާރުމިނުގައި ބިންހެލުން އައިސްފައިވާ ކަމަށާއި، އޭގެ ތިން މިނެޓް ފަހުން 5.8 މެގްނިޓިއުޑް ބާރުމިނުގެ އިތުރު ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭ އައި ބިންހެލުންތަކުގައި ހަ މީހަކު މަރުވެފައިވެއެވެ.

ތުރުކީގެ ހެލްތު މިނިސްޓަރު ފަހްރެޓިން ކޮކާ ވިދާޅުވީ ރޭ އައި ބިންހެލުމުގައި، 294 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. ހަމައެއާއެކު 18 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި އެމީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރު ސުލައިމާން ސޮއިލޫ ވަނީ ބިންހެލުމުގައި ހަލާކުވެ ވެއްޓެން ކައިރިވެފައިވާ އިމާރާތްތަކަށް ނުވަނުމަށް އިލްތިމާސް ކުރައްވާފައެވެ.

ތުރުކީއަށް ހޯމަ ދުވަހު އައި 6.4 މެގްނިޓިއުޑްގެ ބިންހެލުމަކަށް ފަހު މީހުން ބިރުވެރިކަމެއްގެ ތެރޭ -- ފޮޓޯ/ ރޮއިޓާސް

ރޭގެ ބިންހެލުންތައް އައީ އެ ގައުމުގެ ޑެފްނޭ ސަރަހައްދަށެވެ. އެ ބިންހެލުމާއެކު އެ ސަރަހައްދާއި ކައިރި ސަރަހައްދުތަކުގައި ހުރި ބައެއް އިމާރާތްތައް ހަލާކުވެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭ އައި ބިންހެލުމުގައި ސީރިއާއަށް ވެސް ގެއްލުން ލިބި، 470 މީހަކު ވަނީ ޒަޚަމްވެފައެވެ. އެމީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެ ބިންހެލުންތަކުގެ އަސަރު މިސްރާއި ލުބުނާނަށް ވެސް ކުރި ކަމަށް ރިޕޯޓްތަކުގައިވެއެވެ.

މިމަހުގެ ކުރީކޮޅު އައި ބިންހެލުންތަކުގައި ތުރުކީ އާއި ސީރިއާގައި 47،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ދިހަހާހަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތި ހާލުގައި ޖެހިފައެވެ.

comment ކޮމެންޓް