ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގެ ށ. އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދުއިން ރޭ ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ދަނޑުގައި ކުޅުނު ށ. އަތޮޅުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ކަނޑިތީމާއި ފޯކައިދޫއެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން އެއްވަރު ވެފައިވުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހައި ފޯކައިދޫން ވަނީ ކަނޑިތީމުގެ މައްޗަށް ކުރި ހޯދައިފައެވެ.
އެ މެޗުގައި ގޯލު ޖަހައި އެންމެ ފުރަތަމަ ލީޑު ނެގީ ވެސް ކަނޑިތީމުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައި ކަނޑިތީމު ގެ އިބްރާހީމް ނަދާދް ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަނީ ފޯކައިދޫގެ ހުސައިން ފަޒީލްގެ ގައިގައި ޖެހިފައެވެ.
ނަމަވެސް އޭގެ ހަތަރު މިނެޓުފަހުން ފަޒީލް ވަނީ ފޯކައިދޫއަށް ގޯލެއް ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެ ގޯލަކީ ފޯކައިދޫގެ ހުސައިން ނަބީހުގެ އެހީއާއެކު އޭނާ ޖެހި ގޯލެކެވެ.
އެ ނަތީޖާއިން މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ހަތަރު ވަނަ މިނެޓުގައި ކަނޑިތީމުގެ ނަދާދް ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ގޯލެއް ޖަހައި އަލުން ކަނޑިތީމަށް ލީޑު ނަގައިދީފައެވެ.
މެޗުގެ ދެވަނަ ހާފުގެ އަށް ވަނަ މިނެޓުގައި ކަނޑިތީމުގެ އަހުމަދު ރިޒާންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ފޯކައިދޫގެ އިބްރާހީމް މުޝީރު ވަނީ އަނެއްކާ ވެސް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޖެހިއިރު ކަނޑިތީމުގެ ޓީމުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަނީ ފޯކައިދޫގެ ކީޕަރު ދިފާއުކޮށްފައެވެ. އެއީ ކަނޑިތީމުގެ މުހައްމަދު ޝާންއާއި ނަދާދު ޖެހި ދެ ޕެނަލްޓީއެވެ. އަދި ފޯކައިދޫން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ނަބީހު ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "ސަން"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.
މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.