ކޮންމެ އަހަރަކު ވެސް ދިވެހި ބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ، މި އަހަރުގެ ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ ދަށު ސާނަވީގެ ފައްސިޔަ ބުރާއި އަރުތަ ބުރު ނިންމައި އޮފީސްތަކާއި، ކްލަބް ޖަމިއްޔާތަކުގެ ބަހުސް ފަށައިފިއެވެ.
މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ދިވެހިބަހުގެ އެކެޑަމީން ބުނީ މިހާރު މުބާރާތުގެ ހުރިހާ ކަންކަން މިހާތަނަށް އައި އިރު ހިނގަމުން އަންނަނީ ވަރަަށް ފުރިހަމައަަށް ކަމަށެވެ. އަދި ބޮޑު ތަރުހީބެއް މި މުބާރާތަށް ލިބެމުން އަންނަކަމަށް އެކެޑަމީން ބުންޏެވެ.

ވާހަަކަދެއްކުމުގެ ގައުމީ މުބާރާތުގައި ސްކޫލު ދަރިވަރުންގެ ވާހަކަ އަޑުއަހަން އޯޑިއަންސްގައި ތިބި ބެލެނިވެރިންނާއި ކުދިން -- ސަން ފޮޓޯ
އެކެޑަމީން ބުނީ އޮފީސްތަކާއި ކްލަބު ޖަމިއްޔާތަކުގެ މެދުގައި އޮންނަ ބަހުސްކުރުމުގެ ބައިގައި މިހާރު ފުރަތަމަ ބަހުސް ނިމިފައިވާކަމަށެވެ.
ޖުމްލަ ހަ ޓީމެއް އެކި އޮފީސްތަކާއި ކްލަބުތަކުން ބަހުސްގައި ބައިވެރިވެއެވެ.
މި މުބާރާތާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދެއްކި ދަރިވަރަކު ބުނި ގޮތުގައި މުބާރާތުގެ ތެރެއިން ދަރިވަރުންނަށް ގިނަ އާ މައުލޫމާތުތަކެއްް ދަސްކުރުމަށް ފަހިވެގެން ދެއެވެ. އަދި މިއީ ވަރަށް ބޭނުންތެރި މުބާރާތެއްކަމަށް ވެސް އޭނާ ބުންޏެވެ.

ރެހެންދި ސްކޫލުގެ ދަރިވަރު ރާއިފް އަހްމަދު -- ސަން ފޮޓޯ
"މިކަހަލަ މުބާރާތެއް އަޅުގަނޑުމެންނަށް އެންމެ މުހިންމުވަނީ މައުލޫމާތު ލިބޭތީ. މިސާލަކަށް އެންމެ ފުރަތަމަ އަދަބިއްޔާތު. އޭގެ ސަބަބުން އަދަބިއްޔާތާ ގުޅޭ އެތައް އެއްޗެއް އެބަ އެނގިގެންދޭ. އިގްތިޞާދާ ގުޅޭ ގޮތުން ވެސް. ތަރިކައާ ގުޅޭ އެތައް މައުލޫމާތެއް ވެސް. ތަރިކައަކީ އާންމު އަޅުގަނޑުމެންނަށް ވަރަށް ނޭނގޭ އެއްްޗެއް ދެއްތޯ،" ރެހެންދި ސްކޫލުގެ ދަރިވަރު ރާއިފް އަހްމަދު ބުންޏެވެ.
ރާއިފް ބުނި ގޮތުގައި މި މުބާރާތަކީ ވާދަވެރި މާހައުލެއްގައި ހުނަރު ކުރިއަރުވަން ލިބުނު ފުރުސަތެކެވެ. މިފަދަ މުބާރާތެއްގައި ހުށަހެޅުމުގެ ކުރިން ފަރިތަކުރުމަކީ މުހިންމު ކަމެއްކަމަށް ވެސް ރާއިފް ބުންޏެވެ.
"އަމިއްލަ ތަޖުރިބާއިން މުބާރާތުގައި ބައިވެރިވާ އެހެން ކުދިންނަށް އަޅުގަނޑު ބުނެލާނީ ހަމަ އެންމެ އެއްޗެއް. ފަރިތަކުރާށޭ ފަރިތަކުރާށޭ، ފަރިތަކުރާށޭ. އެއީ އެންމެ މުހިންމު އެކައްޗަކީ. އަނެއް އެއްޗަކީ ފަނޑިޔާރުން ވެސް ވަރަށް ގިނައިން ފާހަގަކުރާ ކަމެއް އެއީ އޮއްޓަރަކީ. އެހެންވީމާ އޮއްޓަރަށް ވެސް ވިސްނަންޖެހޭނެ. މައުލޫމާތު ހޯދަން ޖެހޭނެ މައުލޫމާތު ލިބިގަންނަން ޖެހޭނެ،" ރާއިފް ބުންޏެވެ.

ރެހެންދި ސްކޫލުގެ ދަރިވަރު ރާއިފް އަހްމަދު ވާހަަކަދައްކަނީ -- ސަން ފޮޓޯ
މީގެ އިތުރުން ޓީޗަރުން ވެސް ފާހަގަކުރާ ގޮތުގައި މި ފަހަރުގެ މުބާރާތަކީ އެހެން އަހަރުތަކަށް ވުރެ އިންތިޒާމު ފުރިހަމަ މުބާރާތެކެވެ. ދަރިވަރުންނަށް ލުއި ގޮތްތަކެއް މިފަަހަރު އިންތިޒާމުކުރެވިފައިވާކަމަށް ވެސް ޓީޗަރުން ބުނެއެވެ.
މި އަހަރުގެ ގައުމީ މުބާރާތުގައި ސްކޫލުތަކުގެ ބައިން ޖުމުލަ 32 ސްކޫލެއް ބައިވެރިވެފައިވެއެވެ. އެއީ މާލޭގެ 19 ސްކޫލަކާއި، އަތޮޅު ތެރޭގެ އެކި ރަށްރަށުން 13 ސްކޫލެކެވެ. ޖުމުލަ 363 ދަރިވަރުން ސްކޫލުތަކުގެ ބައިން ވާދަކުރެއެވެ.
މި ސްކޫލުތަކުން ދަށު ސާނަވީ ގިންތިން ބައިވެރިވެފައިވަނީ 169 ދަރިވަރުންނެވެ. ސާނަވީ ގިންތިން 155 ދަރިވަރުން ބައިވެރިވާއިރު، މަތީ ސާނަވީ ގިންތިން 36 ކުދިން މުބާރާތުގައި ވާދަކުރާނެއެވެ.
ޖުމްލަ 411 ބައިވެރިން މި ފަހަރުގެ ގައުމީ މުބާރާތުގައި އަންނަނީ ވާދަކުރަމުންނެވެ.