ލަމްހާ އާއި މާވިންނާ ލޯބީގެ ގުޅުމެއް އޮތް, މޭރީ މަރުވުމުން މާޔޫސްކަމެއް ނުފެނޭ: އެކުވެރިއެއް

ލަމްހާ އާއި އޭނާގެ ލޯބިވެރިޔާ މާވިން: އެ ދެ މީހުންގެ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެ ލަމްހާގެ އެކުވެރިއަކު ވެސް ވަނީ ހެކިބަސް ދީފަ --

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ ފިރިމީހާއާ އާއި ދިވެހި ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާނާ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށާއި މޭރީ މަރުވުމުން ލަމްހާގެ މޫނުމަތިން އެއްވެސް ކަހަލަ މާޔޫސް ކަމެއް ނުފެންނަ ކަމަށް އޭނާގެ އެކުވެރިއަކު ބުނެފިއެވެ.

ދަންޖެހިގެން ޚަބަރު ހުސްވެފައިކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން ހައްޔަރު ކުރީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ލަމްހާގެ އެކުވެރި ފިރިހެން ފުލުހެއްގެ ހެކިބަސް ވަނީ ނަގާފައެވެ.

ދައުލަތުން ހުށަހެޅި އެ ހެކިވެރިޔާ ބުނީ, ލަމްހާ އާއި މާވިންއާ ދެމެދު ލޯބީގެ ގުޅުމެއް އޮތްކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ލަމްހާ އާއި މޭރީއާ ދެމެދު އުފެދުނު ދެބަސްވުން ހައްލުކުރުމަށް ހެކިވެރިޔާ މޭރީއާ ވާހަކަ ދެއްކި ކަމަށް ވެސް ބުންޏެވެ.

އެގޮތުން ލަމްހާގެ މައްސަލަ އައިޖީއެމްއެޗަށް ހުށަހެޅުމަށް މޭރީ މަސައްކަތް ކުރުމުން އޭނާއާ ވާހަކަ ދައްކައިގެން ދެ މީހުން ސުލްހަ ކުރި ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ. ސުލްހަކުރުމަށް އޭނާ ކުރި މަސައްކަތުން ވަގުތީ ހައްލެއް ލިބުނު ނަމަވެސް ފަހުން އަނެއްކާވެސް އެ ދެ މީހުންގެ މައްސަލަ ގޯސްވި ކަމަށް ހެކިވެރިޔާ ކިޔައިދިނެވެ.

އެއަށްފަހު މޭރީއާ ދިމާ ނުވި ނަމަވެސް ލަމްހާގެ ފަރާތުން އެ މައްސަލައިގެ ވާހަކަތައް އަޑުއިވުނު ކަމަށް ހެކިވެރިޔާ ބުންޏެވެ. މޭރީ މަސައްކަތް ކުރީ މާވިން ރާއްޖެއިން ޑީޕޯޓް ކޮށްލުމަށް ކަމަށް ވެސް ލަމްހާއާ ހަވާލާދީ އެނާގެ އެކުވެރިޔާ ކިޔައިދިނެވެ. އެކަމަށް މަގުފަހި ކުރުމަށް މޭރީ އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދޭން މަސައްކަތް ކުރާ ކަމަށް ލަމްހާ ބުނެފައިވާ ކަމަށް ހެކިވެރިޔާ ކިޔައިދިނެވެ.

އޭގެ މާގަނި ދުވަސްތަކެއް ނުވެ މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވި ޚަބަރު ވެސް އޭނާއަށް ދިނީ ލަމްހާ ކަމަށް ހެކިވެރިޔާ ބުންޏެވެ. އެވާހަކަތައް ލަމްހާ އޭނާއަށް ކިޔައިދިންއިރު އެއްވެސް ކަހަލަ ހިތާމައިގެ އަސަރެއް ފާހަގަވެފައި ނުވާކަމަށް ވެސް އެކުވެރިޔާ ކިޔައިދިނެވެ.

އޭގެފަހުން އެ މައްސަލައިގައި ދެން ވާނެ ގޮތަކާ މެދު ވަރަށް ގިނައިން ލަމްހާ އޭނާއާ ސުވާލުކުރި ކަމަށް އެކުވެރިޔާ ކިޔައިދިނެވެ.

ލަމްހާގެ ފަރާތުން ދިފާއުގައި ހެކިވެރިޔާއާ ސުވާލުކުރި ނަމަވެސް އޭނާ އެ ދެއްކި ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް ބުނެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ދިފާއީ ވަކީލު ސުވާލުކުރީ މޭރީއާ ދެމެދު އެއްވެސް ކަހަލަ ގުޅުމެއް އޮވޭތޯއެވެ. ޖަވާބުގައި ހެކިވެރިޔާ ބުނެފައިވަނީ އެފަދަ ގުޅުމެއް ނެތް ކަމަށެވެ.

ވީޑިއޯތަކުން ފެންނަނީ ލަމްހާ ކަން ޔަގީނެއް ނޫން!

ދައުލަތުން ހުށަހެޅި ތިން ހެކިވެރިއެއްގެ ހެކިބަސް މިއަދު ވަނީ ނަގާފައެވެ. މިއަދު ހެނދުނު ފެށި އަޑުއެހުން ނިންމާލާފައި ވަނީ ހަވީރު ތިނެއް ޖަހަން ވެފައި ވަނިކޮށެވެ.

މިއަދު ފުރަތަމަ ހެކިބަސް ނަގާފައިވަނީ ވީޑިއޯތައް އެނަލައިޒް ކުރި ފުލުހެއްގެއެވެ. އޭނާ ވަނީ މޭރީ މަރުވި ދުވަހު މާވިން އާއި ލަމްހާ ކަމަށް ބެލެވޭ ދެ މީހުން ބޭރުތެރޭގައި އުޅުނު ވަގުތުތަކާއި އެ ދެ މީހުންގެ މޫވްމަންޓްތައް އެނގޭ ވީޑިއޯތައް އެނަލައިޒްކޮށް އޭނާއަށް ފެންނަ ގޮތް ކިޔައިދީފައެވެ.

އެގޮތުން ވީޑިއޯތަކުން ފެންނަ ފިރިހެން މީހާ އަކީ މާވިންކަން ޔަގީން ކުރެވުނު ނަމަވެސް އޭގެން ފެންނަ އަންހެން މީހަކީ ލަމްހާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީން ކުރެވިފައި ނުވާ ކަމަށް ވެސް ފުލުސް މީހާ ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މާވިންއަށް ވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާ ކޮށްފައެވެ. އަދި ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

މާވިންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ލަމްހާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން ހަ އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދިވެހި ނަރުސް ލަމްހާ މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާ އާއި މާވިންއާ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެފައެވެ. މޭރީ ގްރޭސް މަރުވުމުގެ އެއް ދުވަސް ކުރިން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ލަމްހާ ކިޔައިދިނެވެ. ލަމްހާ ކިޔައިދިންގޮތުގައި މޭރީގެ މަރަށް ފަހު އެ ދެ މީހުން ލޯބީގެ ގޮތުން އަލުން ގުޅެން އޮތީ ނިންމާފައެވެ.

މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ އޭނާގެ ފިރިމީހާ މާވިންއެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.

comment ކޮމެންޓް