އެއްޖިންސުން ގުޅުން ނުހިންގާކަން ސާބިތުކޮށްދިނުމަށް ކާނަލް ނަޝީދު ހެކި ހުށަހަޅައިފި

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ނަޝީދު (ކާނަލް) ސަން އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް)ގެ ފަރާތުން ދިފާއީ ހެކި ހުށަހަޅައިފިއެވެ.

ކާނަލް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މީގެ ކުރިން އެއް އަޑުއެހުން ބާއްވާފައިވާއިރު މިއަދު ވަނީ އިބްތިދާއީ އަޑުއެހުން ބާއްވާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ވަނީ އިންކާރު ކޮށްފައެވެ.

މިއަދުގެ އަޑުއެހުމުގައި ކާނަލް ނަޝީދުގެ ފަރާތުން ވަނީ އޭނާ އެ ކުށް ނުކުރާކަން ސާބިތުކޮށްދިނުމަށް ހެކި ހުށަހަޅާފައެވެ. ނަމަވެސް މީހުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެން ބޭއްވި އަޑުއެހުމުގައި ނަޝީދުގެ ފަރާތުން ހުށަހެޅީ ކޮން ހެކިތަކެއް ކަމެއް އެނގިފައެއް ނުވެއެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅުމެއް ހުށަހަޅަން ބޭނުން ނަމަ އެ ފުރުސަތު ދިނުމަށް ބާއްވާ އަޑުއެހުމެވެ.

މީގެ ފަސް މަސް ކުރިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ނަޝީދުގެ ފަރާތުން ވަނީ އޭނާ ފެންނަ ކަމަށް ބުނާ ވީޑިއޯގެ ތާޑް ޕާޓީ އެނަލަސިސްއެއް ހެދުމުގެ ހުއްދައަށް ޝަރީއަތުގައި އެދިފައެވެ. އަދި ޝަރީއަތުން ނިންމާފައިވަނީ, ކޯޓުން އިންތިޒާމްކުރާ ގޮތެއްގެ މަތިން އެ ވީޑިއޯ ދިރާސާކުރުމަށް ފުރުސަތު ދިނުމަށެވެ.

އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ.

އެ މީހުންގެ މައްޗަށް އުފުލާފައިވަނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާއެވެ. ނާޒިމް ސައްތާރު ވަނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު، ތިން މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ކުރި ހުކުމް ތަންފީޒުކޮށް ނިމި، މިނިވަން ވެފައެވެ.

އަދި އަބްދުއްރަހުމާން ރަފީއުއަށް ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް އިއްވާފައެވެ. މީގެ އިތުރުން އަލަމްގީރްގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެއްގެ ސާބިތުވެ ވަނީ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް އެ ފަހަރު ހުކުމް ކޮށްފައެވެ.

އެއަށްފަހު އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއެއް ސާބިތުވެ އަލަމްގީރަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.

comment ކޮމެންޓް