ސެމީގެ މެޗުތަކުން މޮޅުވެ ކަނޑިތީމާއި ފޯކައިދޫ އަތޮޅު ފައިނަލަށް

ކަނޑިތީމާއި ފީވައް ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި ށ. އަތޮޅުގެ ސެމީ ފައިނަލް މެޗުތަކުން މޮޅުވެ ކަނޑިތީމާއި ފޯކައިދޫ އެ އަތޮޅު ފައިނަލަށް ދަތުރުކޮށްފިއެވެ.

އިއްޔެ ހަވީރު ހުޅުމާލެ ރެހެނދި ޓާފު ފުޓްސަލް ދަނޑުގައި ކުޅުނު ށ. އަތޮޅުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކަނޑިތީމާއި ފީވަކެވެ. އެ މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އަތޮޅުގެ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ކަނޑިތީމުންނެވެ.

އެ މެޗުގައި ކަނޑިތީމުގެ ގޯލުތައް ޖެހީ އަބްދުﷲ އިރުފާންއާއި، އިބްރާހީމް ނަދާދު އާއި، އަހުމަދު ރިޒާންގެ އިތުރުން މުހައްމަދު ޝަންއެވެ. މެޗުގައި ރިޒާން ވަނީ ދެ ގޯލު ޖަހައިފައެވެ.

އެ އަތޮޅު ދެވަނަ ސެމީ ފައިނަލް މެޗުގައި ވާދަކުރީ ފޯކައިދޫއާއި ބިލަތްފައްސެވެ. ފޯކައިދޫން އެ މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފޯކައިދޫގެ މުހައްމަދު ރަޝްވާން ހެޓްރިކް ހެދިއިރު އެ ޓީމުގެ އަނެއް ގޯލު ޖެހީ އަބްދުﷲ މާލިކުއެވެ. އަދި ބިލަތްފަހިން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ އާދަމް އަފްރާހުއެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "ސަން"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެ އާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.

މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް