ހިތަދޫ ޕޯޓަށް 11 އަހަރުގެ ގެއްލުން، ޖުމްލަ 84 މިލިއަން ރުފިޔާ!

ހިތަދޫ ޕޯޓް ލިމިޓެޑް --- ފޮޓޯ/ ޓްވިޓާ

އެމްޕީއެލްގެ ދަށުން ހިންގަމުން އަންނަ ހިތަދޫ ޕޯޓް ލިމިޓެޑަށް، 84 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އެކުންފުނީގެ މާލީ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

މި އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އެކުންފުނި އުފެދުނީއްސުރެ ވޭތުވެދިޔަ 11 އަހަރު، އަހަރަކު އެ ކުންފުންޏަށް ހަ މިލިއަން ރުފިޔާގެ އެވްރެޖް ގެއްލުމެއް ވެފައިވެއެވެ.

އަދި މި ގެއްލުމުގައި ކުންފުނި ހިންގަމުން ދިޔައިރު، ކުންފުނީގެ ޚަރަދުތަކާއި އަގުތައް ދަށް ކުރުމަށް ހަދަންޖެހޭ އެސެސްމެންޓްތައް ހަދާފައިނުވާކަން މި އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ހިތަދޫ ޕޯޓް ލިމިޓެޑަށް 85 މިލިއަން ރުފިޔާގެ ގެއްލުމެއް --- ސަން ގްރެފިކްސް/ އަޙްމަދު ސަދޫފް މޫސާ

އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު މި ރިޕޯޓުން ދައްކާގޮތުން މީރާއަށް އެކުންފުނިން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުތައް ޔަގީން ނުވެއެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މާލީ ހިސާބުތައް ބެލެހެއްޓުމުގައި އެކުންފުނިން ފުރިހަމައަށް މަސައްކަތްކޮށްފައި ނުވުމެވެ.

މި އޮޑިޓް ރިޕޯޓުން ފާހަގަ ކުރި އެއްކަމަކީ އެކުންފުނިން މާލީ ހިސާބުތައް ބެލެހެއްޓުމުގައި ފުރިހަމަ އަށް މަސައްކަތްކޮށްފައި ނެތުމުގެ ސަބަބުން، ބައެއް މާލީ ހިސާބުތައް ދެނެގަތުމަށްޓަކައި އޮޑިޓްކުރަން ދަތިވުމެވެ.

އެހެންކަމުން، ސަރުކާރު ކުންފުނިތަކާއި އިދާރާތަކުން މާލީ ހިސާބުތައް ފުރިހަމައަށް ބެލެހެއްޓުމަށް މި ރިޕޯޓުގައި ވަނީ އެދިފައެވެ.

ދެހާސް ވަނަ އަހަރު އުފެދުނު ހިތަދޫ ޕޯޓް ލިމިޓެޑް ފުރިހަމަ ގޮތެއްގައި ފެށުނު ނަމަވެސް، ފާއިތުވި އަހަރު ތަކުގައި އެތަނުގެ ބޭނުން ނުކުރެވި، ކުންފުނި ފުރިހަމަ ގޮތެއްގައި ހިންގިފައެއް ނުވެއެވެ.

comment ކޮމެންޓް