ފައިސާގެ އިނާމުތަކާއެކު މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިފްކޯއިން އަލަށް ހުޅުވި މަސް ފިހާރައިގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ މިފްކޯގެ ޑެޕިއުޓީ ސީއީއޯ އިބްރާހީމް އިޒްހާންއެވެ.
"ފަސްމީރު ރޯދަ ޕްރޮމޯ 1444" ނަމުގައި ފެށި މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ ނިޔަލަށެވެ.
މި މުއްދަތުގައި، މިފްކޯގެ ފިހާރަތަކުން 200 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ޖުމްލަ 170،000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭނެ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.
އެގޮތުން، އެއްވަނައަށް ދާ ފަރާތަކަށް އެއް ލައްކަ ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް 45،000 ރުފިޔާ އަދި ތިން ވަނައަށް ދާ ފަރާތަކަށް 25،000 ރުފިޔާ ލިބޭނެއެވެ.

ފަސްމީރު ރޯދަ ޕްރޮމޯ 1444 ފެށުމަށް ބޭއްވި ރަސްމިއްޔާތު : ސަން ފޮޓޯ: މުހައްމަދު ޝާތިއު
މާލެ އާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މަސް ފިހާރައިގެ އިތުރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މިފްކޯ މަސްފިހާރަތަކުން ވިޔަފާރިކުރާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަން ވަނީ ހުޅުވާލާފައެވެ.
މިފްކޯގެ ޖެނެރަލް މެނޭޖަރ ސޭލްސް އެންޑް މާކެޓިން އަހުމަދު ޒާމް ވިދާޅުވީ މިފްކޯއިން މި ރޯދަމަހު ވެސް ކަސްޓަމަރުންނަށް މަހާއި މަސްދަޅު އެއް އަގެއްގައި ފޯރުކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން، މި ފަހަރު ވެސް ރޯދަ ހަދިޔާގެ ގޮތުގައި ދެވޭނެ މަސްދަޅު ޕެކްތަކެއް މިފްކޯއިން ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ހަ ދަޅުގެ ޕެކާއި، 12 ދަޅުގެ ޕެކް ހިމެނެއެވެ. އަދި، 24 ދަޅުގެ ޕެކާއި 48 ދަޅުގެ ޕެކް ރޯދަ ހަދިޔާގެ ގޮތުގައި ޑެލިވަރީކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.